ޚަބަރު

ރައީސް އެންމެ އިސްކަމެއް ދެއްވަނީ މައްސަލަތައް ހައްލުކުރެއްވުމަށް


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބަދުވެސް އިސްކުރައްވަނީ، ޤައުމުގައި ހުރި މައްސަލަތައް ޙައްލުކުރުންކަމަށާ، އެމައްސަލަތައް ހައްލުކުރަން އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަނީ ނިޒާމީގޮތެއްގައިކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

"ދިވެހި ރައްޔިތުން ރިޔާސީ ޚިޠާބުގެ އިންތިޒާރުގައި" މި ނަމުގައި ޕީއެސްއެމް ނިއުސްއުން ކުރިއަށް ގެންދިޔަ ޚާއްސަ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ ޢާދަމް ޝަރީފު ޢުމަރު ވިދާޅުވީ، ރާއްޖޭގެ ކަންކަން ރަނގަޅު މިސްރާބަކަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅުތަކަކީ، އެންމެނަށްވެސް ފެންނަންހުރި ހަޤީޤަތެއްކަމަށާއި، މިނިވަން ދުވަސް ފަދަ ދުވަހެއް ފާހަގަކުރަމުންދާއިރު، ރައީސުލްޖުމްހޫރިއްޔާ ޤައުމުގެ ކަންކަން އިސްލާހްކުރެއްވުމަށް ކުރައްވާ ބުރަ މަސައްކަތްޕުޅުތަކަށް ފަރުދީގޮތުންނާއި މުޖުތަމަޢެއްގެ ގޮތުން އެންމެގެ ހިއްސާ އޮތުން މުހިއްމުކަމަށެވެ. ކޮންމެ ދިވެހި ފަރުދަކުވެސް ޤައުމިއްޔަތު އިސްކުރުމާއި، ޤައުމާއިގެން ކުރިއަށްދާންވީ ގޮތުގެ އަޒުމް ކަނޑައެޅުމަށް ރައީސް އެދިވަޑައިގަންނަވާކަމަށާއި، އެކަމުގައި އެންމެންގެ ހިއްސާވެސް މުހިއްމުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރުގެ ވާހަކަފުޅުގައި  ކޮންމެ ދިވެއްސަކީވެސް ޤާނޫނު އަސާސީގައިވާގޮތުގެ މަތީން ހަމަހަމަ މީހެއްކަމަށާއި، ނަމަވެސް ދައުލަތުގެ ކޮންމެ މުއައްސަސާއަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރަމުންގެންދާކަން ކަށަވަރުކުރުން ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކަށް ލާޒިމް ކުރާކަމަށް ވިދާޅުވިއެވެ. ރާއްޖޭގައި ސުލްހަ މަސަލަސްކަން ޤާއިމްކުރުމާއި، މިނިވަންކަމާއި އިސްތިޤުލާލު ދެމެހެއްޓުމައްޓަކައި ކަނޑައަޅާފައިވާ މުއައްސަސާތަކުން ރާއްޖޭގެ ކަންކަން އިސްލާހުކުރުމަށް ޤާނޫނުތަކުގައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅުއްވައި ކުރައްވަން ޖެހިވަޑައިގަންނަވާ ހުރިހާ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.  

އެއްވެސް ފަރާތަކުން ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާއި ޚިލާފުވެއްޖެނަމަ، އެއްވެސް ތަފާތުކުރުމެއްނެތި، ޤާނޫނުގެ ކުރިމަތީގައި އެންމެންނަކީވެސް ހަމަހަމަ ބަޔެއްކަށް އެނގޭނެ ގޮތުގެ މަތީން ދައުލަތުން މިހާރުވެސް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތަށް ކަންކަން ހިންގަމުން ދިއުމަކީ، ކޮންމެ ދިވެއްސަކުވެސް ފަޚުރުވެރިވާން ޖެހޭކަމެއްކަމަށް ޑިފެންސް މިނިސްޓަރވަނީ ވިދާޅުވެފައެވެ.