ދުނިޔެ

ރާމް ނާތު ކޯވިންދު، އިންޑިއާގެ ރައީސްކަމުގެ ހުވާކުރައްވައިފި


އިންޑިޔާގެ އައު ރައީސް، ރާމް ނާތު ކޯވިންދު ރައީސްކަމުގެ ގާނޫނީ ހުވާ ކުރައްވައިފިއެވެ.

ކޯވިންދު ރައީސްކަމުގެ ހުވާކުރެއްވީ، އެގައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގެ ކަމަށްވާ ރާޖްޔަސަބާ އާއި ތިރިގެ ކަމަށްވާ ލޮކް ސަބާ ހިމެނޭގޮތަށް ބޭއްވި ޚާއްސަ ޖަލްސާއެއްގައެވެ. މަޤާމުގެ ހުވާލާދެއްވީ އިންޑިޔާގެ އުއްތަމަ ފަނޑިޔާރު ޖޭއެސް ކޭހަރުއެވެ.

އެ ރަސްމިއްޔާތުގައި އިންޑިޔާގެ ރައީސްކަމުން ވަކިވެވަޑައިގެންނެވި ޝްރީ ޕްރަނާބު މުކަރުޖީ އާއި، ނައިބު ރައީސް ހާމިދު އަންޞާރީ އާއި ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި، މަޖިލީހުގެ ދެގޭގެ މެމްބަރުންނާއި، ސަރުކާރުގެ ވަޒީރުންނާއި ސްޓޭޓުތަކުގެ ޗީފް މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރާމް ނާތު ކޯވިންދަކީ އިންޑިޔާގެ ސާދަވަނަ ރައީސްއެވެ.

އޭނާއަކީ އިންޑިއާގައި ވެރިކަންކުރާ ބަހާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ތާއީދާއެކު ރައީސްކަމުގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅެކެވެ. އިންޑިޔާގެ ރައީސްގެ މަގާމަކީ އެ ގައުމުގެ އެންމެ މަތީ އަދި އެންމެ ޝަރަފުވެރި މަގާމަށްވާނަމަވެސް އެއީ ވެރިކަމުގެ ބާރުތައް ލިބިފައިވާ މަގާމެއްނޫނެވެ.

އިންޑިޔާގެ ވެރިކަމުގެ ތަންފީޒީ ބާރުތައް އޮންނަނީ ބޮޑުވަޒީރުގެ އަތްޕުޅުގައެވެ.