ވިޔަފާރި

ސެންޗޫރިއަންގެ ފުރަތަމަ އަހަރީ އާއްމު ޖަލްސާ ބާއްވައިފި


ރާއްޖެއަށް މުދާ އެތެރެކޮށް ލޮޖިސްޓިކްސްއާ ގުޅޭ ގިނަ ޚިދުމަތްތަކެއް ދެމުން އަންނަ ސެންޗޫރިއަން، ޕަބްލިކް ކުންފުންޏަކަށް ބަދަލުކުރިފަހުން އެކުންފުނީގެ ފުރަތަމަ އަހަރީ އާއްމު ޖަލްސާ ބާއްވައިފިއެވެ.

ސެންޗޫރިއަންގެ އަހަރީ އާއްމު ޖަލްސާ ބާއްވާފައިވަނީ ޗަމްޕާ ސެންޓްރަލް ހޮޓަލުގައެވެ. މި ޖަލްސާގައި ސެންޗޫރިއަން ކުންފުނީގެ މެޖޯރިޓީ ޚިއްޞާދާރުންގެ އިތުރަށް ގިނަ އަދަދެއްގެ އާއްމު ހިއްސާދާރުން ވަނީ ބައިވެރިވެފައެވެ. މި ޖަލްސާގައި ސެންޗޫރިއަންގެ މައިނޯރިޓީ ޚިއްޞާދާރުންގެ ފަރާތުން ކުންފުނީގެ ބޯޑުގައި ތަމްސީލްކުރާނޭ ޑައިރެކްޓަރަކަށް ހޮވާފައިވަނީ ޑރ އަޙުމަދު ރަނޭޝްއެވެ. ސެންޗޫރިއަންގެ ބޯޑުގައި ހިމެނެނީ ޗެއާމަނާ، މެނޭޖިންގ ޑިރެކްޓަރުގެ އިތުރުން ފަސް ޑައިރެކްޓަރުންނެވެ. 

މި ޖަލްސާގައި ދެހާސް ސޯޅަވަނަ އަހަރުގެ އަހަރީ ރިޕޯޓް ޚިއްޞާދާރުންނާ ޚިއްޞާކޮށްފައިވެއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރުމަސް ނިމުނުއިރު ސެންޗޫރިއަންގެ ޚިއްޞާ ވިއްކުމުގެ މުއާމަލާތްތައް ކުރިއަށްގެންގޮސްފައިވާތީވެ، މި މުއްދަތުގެ ތެރޭގައި އެކުންފުނިން އެއްވެސް ވިޔަފާރިއެއް ކޮށްފައިނުވާކަން ފާހަގަކޮށްލެވެއެވެ. ސެންޗޫރިއަން ކުންފުންޏަށް މިދިޔަ އަހަރު ޖުމްލަ ފަންސާސް ފަސް މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، ޓެކްސްއަށް ކެނޑުމަށްފަހު އެކުންފުނީގެ ސާފު ފައިދާ އުޅެނީ ހަތަރެއް ޕޮއިންޓް ހަތެއް ފަހެއް މިލިއަން ރުފިޔާގައެވެ. 

ސެންޗޫރިއަންގެ އަހަރީ އާއްމުޖަލްސާގައި ވާހަކަދައްކަވަމުން އެކުންފުނީގެ ޗެއާމަން ކެޕްޓަން އަޙްމަދު މައުމޫން ވިދާޅުވީ، ޕަބްލިކް ކުންފުންޏަކަށް ސެންޗޫރިއަން ބަދަލުކުރުމަށްފަހު ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް އިންވެސްޓްމަންޓްތައް ކުރަމުންގެންދާކަމަށެވެ. މިގޮތުން ކުރިއަށް އޮތްތަނުގައި ސެންޗޫރިއަންގެ ވިޔަފާރި ފުޅާކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް މައުމޫން ވިދާޅުވިއެވެ. 

ސެންޗޫރިއަން ކުންފުންޏަކީ ރާއްޖެއަށް މުދާ އެތެރެކޮށް ލޮޖިސްޓިކްސްއާ ގުޅޭ ގިނަ ޚިދުމަތްތަކެއް ދެމުން އަންނަ ކުންފުންޏެކެވެ. ސެންޗޫރިއަން ކުންފުނިން އާއްމުނަށް ޚިއްޞާ ވިއްކަން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުން ފެށިގެނެވެ. ސެންޗޫރިއަން ކުންފުންޏަކީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކުރި ހަތްވަނަ ކުންފުންޏެވެ.