ސިއްހަތު

އައްޑޫގައި ސުޕަރ ސްޕެޝަލިސްޓުންގެ މެޑިކަލް ކޭމްޕެއް ހިންގައިފި


ހިތުގެ ބަލިތަކާބެހޭ ޤައުމީ މަރުކަޒުން ދޭ ޚިދުމަތަށް އެއްއަހަރު ފުރުން ފާހަގަކުރުމަށް މިނިސްޓްރީ އޮފް ހެލްތާއި، އައި.ޖީ.އެމް.އެޗާއި ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ގުޅިގެން، އައްޑޫ ސިޓީގައި ސުޕަރ ސްޕެޝަލިސްޓުންގެ ޚިދުމަތްދޭ ޚާއްޞަ މެޑިކަލް ކޭމްޕެއް ހިންގައިފިއެވެ.

މިކޭމެޕްގައި ހިތުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓްރުންގެ އިތުރުން ކިޑްނީގެ ބަލިތަކަށާއި، ކުޑަކަމުދާ ނިޒާމްގެ ބަލިތަކަށް ޚާއްޞަ ޑޮކަޓަރުން ބަލިމީހުން ބެލުމާއި، ސްކޭންކުރުމުގެ ޚިދްމަތްވެސް ދޭނެއެވެ.

ރާއްޖޭގައި ހިތުގެ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ ޢަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު މިފަދަ ބަލިތަކަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވާތީ، ކުރިއަށް އޮތްތަނުގައި މިނިސްޓަރީ އޮފް ހެލްތާ ގުޅިގެން މިފަދަ އިތުރު ކޭމްޕްތަކެއް އިންތިޒާމްކޮށް، މި ޚިދުމަތްތައް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފެށުމާ ހަމަޔަށް އައި.ޖީ.އެމް.އެޗްގެ އެހީތެރިކަމުގެ ދަށުން، އައްޑޫސިޓީގެ ރައްޔިތުންނަށް ޚިދުމަތްދޭނެކަމަށް އައި.ޖީ.އެމް.އެޗް ގެ ޑިރެކްޓަރ އަޙްމަދު މަޢުސޫމް ވިދާޅުވިއެވެ.

ދެ ދުވަހުގެ މި ކޭމްޕުން ހިތުގެ ބަލިތަކަށް ފަރުވާހޯދުމަށްޓަކައި 180 މީހުން ނަން ނޯޓުކޮށްފައިވެއެވެ. އަދި ކިޑްނީގެ ބަލިތަކަށާއި، ކުޑަކަމުދާ ނިޒާމްގެ ބަލިތަކަށް ފަރުވާ ހޯދުމަށްޓަކައި 100 އަށްވުރެ ގިނަ މީހުން ނަން ނޯޓުކޮށްފައިވާ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ސީނިއަރ ކޮމިއުނިޓީ ހެލްތް އޮފިސަރ މުޙައްމަދު ނަޖީބް ވިދާޅުވިއެވެ.

ހިތުގެ ބަލިތަކަށް ފަރުވަދޭ މަރުކަޒުން ވޭތުވެދިޔަ އަހަރު ތެރޭގައި 1430 އަށްވުރެ ގިނަ ބަލިމީހުންނަށް ކާމިޔާބުކަމާއެކު ފަރުވާ ދީފައިވެއެވެ.