ޚަބަރު

އޯޓިޒަމް އެސޯސިއޭޝަންގެ އާ އިމާރާތް ރަސްމީކޮށް ހުޅުވައިފި


އޯޓިޒަމް އެސޯސިއޭޝަނަކީ، އޯޓިޒަމް ހުންނަ، ސްކޫލް އުމުރުގެ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށް 2010 ވަނަ އަހަރު އުފެއްދި އެސޯސިއޭޝަނެކެވެ. އެ އެސޯސިއޭޝަނުން އޯޓިޒަމް ހުންނަ ކުދިންނަށް ފަރުވާދިނުމަށް 4 ކުދިންނާއެކު ސެންޓަރެއް ހުޅުވައި ފަރުވާދޭން ފެށިނަމަވެސް، މިހާރު ގިނަ އަދަދެއްގެ ކުދިންނަށް ފަރުވާދެމުންދާކަން އެ އެސޯސިއޭޝަނުން ބުނެއެވެ. 

އެހެންކަމުން އޯޓިޒަމް އެސޯސިއޭޝަނުން ވަނީ، ސަރުކާރުގެ އެހީގައި ހުޅުމާލޭގައި އާ ސެންޓަރެއް ޢިމާރާތްކޮށްފައެވެ. ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިސެންޓަރު ހުޅުވައިދެއްވީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަޙީދު ހަސަން މަނިކުއެވެ. ހުޅުމާލޭގައި އިމާރާތްކުރި 6 ބުރީގެ މި އިމާރާތަކީ 300 ކުދިންނަށް އެއްފަހަރާ ޚިދުމަތް ދެވޭފަދަ ޖާގައިގެ އިމާރާތެކެވެ. 

އޯޓިޒަމް އެސޯސިއޭޝަނުން އަލަށް ހުޅުވި ސެންޓަރުގެ މަޤްޞަދަކީ އޯޓިޒަމް ހުންނަ ކުދިންގެ ނަފްސާނީ ޤާބިލްކަން ދެނެގަނެ އެކުދިންގެ ހުނަރު ކުރިއެރުވުމަށް މަސައްކަތް ކޮށްދިނުންކަމަށް އޯޓިޒަމް އެސޯސިއޭޝަންގެ ޗެއަރޕާސަން އިލްހާމް ޙުސައިން ވިދާޅުވިއެވެ. އަދި އެކުދިންނަނާއި އެކުދިންގެ އާއިލާތަކަށް ކުރިމަތިވާ އެކި ކަހަލަ ދަތިތައް ދެނެގަނެ އެކަންކަން ހައްލުކޮށްދިނުމަށް މަސައްކަތްކުރާ ސެންޓަރަކަށް މި ސެންޓަރު ހެދުމަކީވެސް އަމާޒެއް ކަމަށް އިލްހާމް ވިދާޅުވިއެވެ.

"މި ސެންޓަރުން މިހާރުވަނީ އެފަދަ ކުދިންނަށް ޚާއްސަ ކަރިކިއުލަމްއެއް އެކުލަވާލާ ދުނިޔޭގެ ފެންވަރުގެ އެފަދަ ކުދިންނަށް ފޯރުކޮށްދޭ ތައުލީމީ ފުރުސަތުތައް ފަހިވެފައި. އެގޮތުން މިފަދަ ކުދިންނަށް ކިޔަވައިދިނުމަށް ޚާއްސަ ޓީޗަރުންގެ ޙިދުމަތާއި އެކުދިންނަށް ބޭނުންވާ ތެރަޕީތައް ދިނުމުގެ އިތުރުން އެކުދިންނަށް ފަރުވާދިނުމުގެ އިންތިޒާމް އަލަށް ޤާއިމުކުރެވުނު ސެންޓަރުން ފުރިހަމައަށް ފަހިވެފައިވޭ" އޯޓިޒަމް އެސޯސިއޭޝަންގެ ޗެއަރޕާސަން އިލްހާމް ޙުސައިން ވިދާޅުވިއެވެ. 

މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ކާމިޔާބީތަކަށް ބަލާއިރު، އެ އެސޯސިއޭޝަނުން ފަރުވާދީފައިވާ 23 ދަރިވަރެއް މިހާރުވެސް ދަނީ ސަރުކާރުގެ ރަސްމީ ތަޢުލީމުގެ ތެރެއިން އެހެން ކުދިންނެކޭ އެއްފަދައިން ސަރުކާރުގެ ސްކޫލްތަކުގައި ތަޢުލީމު ހާސިލްކުރަމުންނެވެ. 

އޯޓިޒަމް އެސޯސިއޭޝަނުން ދަނީ މިފަދަ ކުދިން މުޖުތަމަޢުއަށް ނެރެ އެކުދިންނަކީވެސް އެހެން ކުދިންނެކޭ އެއްފަދައިން މުޖުތަމަޢުއަށް ބޭނުންތެރި ކުދިންނަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މުޖުތަމައު ހޭލުންތެރިކުރުމާއި ސްކޫލް ތަކުގައިވެސް އެފަދަ ޕްރޮގްރާމްތައް ހިންގުމާއި، އެކުދިންގެ ހުނަރުތައް ތަރައްޤީ ކުރުމަށް މަޤުފަހިކޮށްދިނުންފަދަ ޕްރޮގްރާމްތައް އެ އެސޯސިއޭޝަނުން ގެންދަނީ ހިންގަމުންނެވެ. ހުޅުމާލޭގައި އަލަށް އިމާރާތްކުރި އޯޓިޒަމް އެސޯޝިއޭޝަންގެ 6 ބުރީގެ އިމާރާގެ ސަބަބުން އެއްފަހަރާ ތިންސަތޭކަ ކުދިންނަށް އޯޓިޒަމްއާ ގުޅުންހުރި ތެރަޕީގެ ޙިދުމަތް ދޭވޭނެކަމަށް އެ އެސޯޝިއޭޝަނުން މަޢުލޫމާތުދެއެވެ.