ކުޅިވަރު

އީގަލްސްއިން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލައިފި


އީގަލްސްގެ ގިނަ ކުޅުންތެރިންތަކެއް ލޯން އެއްބަސްވުމުގެ ދަށުން އެހެން ކްލަބްތަކާ ގުޅިއްޖެއެވެ. 

ދިވެހި ޕްރިމިއަރ ލީގުން ފުރުސަތު ގެއްލުނު އީގަލްސްގެ ފުރަތަމަ އެގާރައިގައި ހިމެނޭ ކުޅުންތެރިން ކަމަށްވާ އަހުމަދު ޒާދު ޓީސީއާ ގުޅުނުއިރު، މިނިވަން ޗެމްޕިއަންޝިޕުން ޕްރިމިއަރ ލީގަށް ކޮލިފައިވި ތިނަދޫ ޓީމަށް އީގަލްސްގެ ހަތަރު ކުޅުންތެރިއަކު ވަނީ ބަދަލުވެފައެވެ. އެއީ އަހުމަދު ރިޒުވާން (ރިޒޭ)، އަންސަރު އިބްރާހިމް (އަންކޮ) ، އިބްރާހިމް މުބީން (މުއްކި) އަދި އަހުމަދު ނޫމާން (ހެލްމެޓް) އެވެ. މީގެ އިތުރުން ވެލެންސިޔާއިން ވަނީ މުޖުތާޒު މުހައްމަދު (މުޖޭ) އާއި އަހުމަދު ނާޝިދު (ނާއްޓޭ) ގެންގޮސްފައެވެ. 

ކްލަބް އީގަލްސްއިން މިހުރިހާ ކުޅުންތެރިންވެސް ދޫކޮށްލާފައިވަނީ ލޯން އެއްބަސްވުމުގެ ދަށުން މިސީޒަނުގެ ނިޔަލަށެވެ. އެކްލަބްގެ ޖެނެރަލް ސެކެޓްރީ މުފާވިޒް ހާޝިމް ބުނީ މާލޭ ލީގު ކޮލިފިކޭޝަން ކެންސަލް ކުރުމުން ކުޅުންތެރިން ދޫކޮށްލަން ނިންމީ މިސީޒަނުގައި ކުރިއަށް އޮތީ އެފްއޭކަޕް އެކަނި ކަމަށް ވާތީ އާއި އެ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދަދިނުމުގެ ބޭނުމުގައި ކަމަށެވެ. 

އެފްއޭކަޕަކީ އެންމެ ތިން މެޗް ކަމަށާއި، މިފަހަރުގެ އެފްއޭކަޕްގައި އީގަލްސްއިން ބޭނުން ކުރާނީ ޔޫތު ޓީމެއް ކަމަށްވެސް މުފާވިޒް ބުންޏެވެ.