ޚަބަރު

ބޭނުންކުރާ ކަރަންޓުގެ 30 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް!!


ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ 2018 ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދުވާލުގަޑީގައި ބޭނުންކުރާ ކަރަންޓުގެ އެންމެމަތީ ޢަދަދުގެ 30 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުންކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ތެލުގެ މަށްޗަށް ބަރޯސާވެފައިވާ މިންވަރު ސާފު ހަކަތައަށް ބަދަލުކުރުމުގެ މަގު ޗާޓު އެކުލަވައިލުމަށް ބަނޑޮސް މޯލްޑިވްސްގައި ބޭއްވި މަސައްކަތު ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުން ކުރިއަށް ގެންދަވާ އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢު ވަރަށް ކާމިޔާބުކަމަށާއި މި މަޝްރޫޢު ހުއްޓުމެއް ނެތި ކުރިއަށްދާކަމަށެވެ. އަދި ރާއްޖެއަކީ ކާބަން މަދު ޤައުމަކަށް ހެދުމަށްޓަކައި، އޭޑީބީ ގެ އޮފިޝަލުންނާއި ބޭރުގެ ފަންނީ މާހިރުނާއެކު މަސައްކަތް ކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/15009063741266.jpg|ސާފު ހަކަތައަށް ބަދަލުކުރުމުގެ މަގު ޗާޓު އެކުލަވައިލުމަށް ބަނޑޮސް މޯލްޑިވްސްގައި ބޭއްވި މަސައްކަތު ބައްދަލުވުމުގައި އެންވަޔަރަމަންޓް މިނިސްޓަރ ވާހަކަފުޅުދައްކަވަނީ / ފޮޓޯ: އެނަވަޔަރަމަންޓް މިނިސްޓަރ

" އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ 2018 ނިމުމުގެ ކުރިން ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައި ދުވާލުގަޑީގައި ބޭނުންވާ ކަރަންޓުގެ އެންމެމަތީ ޢަދަދުގެ 30 އިންސައްތައަށް ހެދުން. ރާއްޖޭގައި ބޭނުން ކުރާ ކާބަންގެ މިން ވަރު 70 ޕަސެންޓަށް މަދުކުރެވޭނެ ނިޒާމެއް އެކުލަވާލުމުގެ މަސައްކަތް އަޅުގަނޑުމެން މިދަނީ ކުރަމުން. މި ޕްރޮޖެކްޓްގެ ދަށުން މިހާރު 6 މެގަ ވޮޓްގެ ސޯލަރ ޕެނަލް ހަރުކުރެވިފައިވާއިރު މީގެ އިތުރުން 14 މެގަ ވޮޓްގެ ސޯލާރ ޕެނަލްގެ ހަރުކުރުގެ މަސައްކަތް ކުރަމުންދޭ " މިނިސްޓަރ ވިދާޅުވިއެވެ. 

މިނިސްޓަރގެ ވާހަކަފުޅުގައި، ރާއްޖެއަކީ ކާބަން މަދު ޤައުމަކަށް ހެދުމަށް ސަރުކާރުން ކުރިއަށް ގެންދަވާ މަޝްރޫޢުގެ ސަބަބުން ރައްޔިތުންނަށް މާލީގޮތުންނާއި، ތިމާވެށީގެ ދާއިރާއިންވެސް ބޮޑެތި ފައިދާތަކެއް ކުރާނެކަން ފާހަގަކުރެއްވިއެވެ.

ތެލުގެ މަށްޗަށް ބަރޯސާވެފައިވާ މިންވަރު، ސާފު ހަކަތައަށް ބަދަލުކުރުމުގެ މަގު ޗާޓު އެކުލަވައިލުމަށް ކުރިއަށްގެންދާ މި ވޯކްޝޮޕްގައި، އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރާއި، ފެނަކަ ކޯޕަރޭޝަން އަދި ސްޓެލްކޯގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.