ދުނިޔެ

ދުނިޔޭގެ އިޤްތިޞާދު ކުރިއަރާނީ 3.5 އިންސައްތައަށް- އައިއެމްއެފް


2017 ވަނަ އަހަރު ދުނިޔޭގެ އިޤްތިސާދު ކުރިއަރާނީ 3.5 އިންސައްތައަށްކަމަށް ބައިނަލްއަޤްވާމީ މާލީ އިދާރާ، އައި.އެމް.އެފުން ހާމަކޮށްފިއެވެ.

މިއީ މިއަހަރުގެ އޭޕްރިލް މަހު ވެސް ދުނިޔޭގެ އިޤްތިސާދު ކުރިއަރާނެ ކަމަށް އައި.އެމް.އެފްއިން ލަފާކުރި މިންވަރެވެ. ދުނިޔޭގެ އިޤްތިޞާދީ ކުރިއެރުމަށް އަންނާނެ ބަދަލުތައް ލަފާކޮށް ބައިނަލްއަޤްވާމީ މާލީ އިދާރާއިން ނެރުނު ރިޕޯޓުގައި ދުނިޔޭގެ އިޤްތިޞާދީ ކުރިއެރުމާ ބެހޭގޮތުން އެ އިދާރާއިން ބުނެފައިވަނީ، މި އަހަރުގެ އޭޕްރިލްމަހު އެ އިދާރާއިން ލަފާކުރިގޮތަށް ދުނިޔޭގެ އިޤްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާ ކަމަށާއި އެހެންކަމުން އޭރު އައި.އެމް.އެފުން، ޖުމްލަ ކުރިއެރުން އަންނާނެ މިންވަރުގެ ގޮތުގައި ލަފާކޮށްފައިވާ މިންވަރަށް ބަދަލެއް ނާންނާނެކަމަށެވެ.

އެހެންނަމަވެސް އައި.އެމް.އެފުގެ އަންދާޒާއާ އެއްފަދައިން ދުނިޔޭގެ އިޤްތިޞާދީ ކުރިއެރުމަށް ބަދަލު ނައިކަމުގައިވިޔަސް، ވަކި ވަކި ޤައުމުތަކުގެ އިޤްތިޞާދީ ކުރިއެރުމަށް އަންނަ ބަދަލުތައް މިހާރު ތަފާތުކަން އައިއެމްއެފުން ވަނީ ފާހަގަކޮށްފައެވެ.

އެއިދާރާގެ ރިޕޯޓްގައި، އެމެރިކާ އާއި އިނގިރޭސިވިލާތުގެ އިޤްތިސާދަށް 2017 ވަނަ އަހަރުގެ ތެރޭގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ ކުޑަ ކުރިއެރުމެކެވެ. އައި.އެމް.އެފުން މީގެ ކުރިން ބުނެފައިވަނީ މި އަހަރުގެ ތެރޭގައި އެމެރިކާގެ އިޤްތިޞާދު 2.3 އިންސައްތައަށް ކުރިއަރާނެ ކަމަށެވެ. އެހެން ނަމަވެސް އެންމެ ފަހުގެ ރިޕޯޓްގައި ބުނެފައިވަނީ އެމެރިކާގެ އިޤްތިސާދު 2017 ވަނަ އަހަރު ކުރިއަރާނީ 2.1 އިންސައްތައަށް ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުގެ އިޤްތިސާދީ ސިޔާސަތުތަކުގެ ސަބަބުން އެމެރިކާގެ އިޤްތިސާދު ކުރިއަރައިގެންދާނެ ކަމަށް މީގެ ކުރިން ބެލެވިފައިވާނަމަވެސް، އެމެރިކާ ސަރުކާރުން ގެންނަން މަސައްކަތް ކުރާ ސިޔާސަތުތައް މިހާތަނަށްވެސް ޢާއްމުކޮށްފައި ނުވާތީ، އެ ގައުމުގެ އިޤްތިސާދަށް އަންނާނެކަމަށް ކުރިން ލަފާކޮށްފައިވާ މިންވަރުގެ ކުރިއެރުމެއް ލިބޭކަމަށް މިހާރު ލަފާނުކުރެވޭކަމަށް އައި.އެމް.އެފުން ބުނެއެވެ.

އިނގިރޭސިވިލާތުގެ އިޤްތިސާދަށް 2017 ވަނަ އަހަރު ދެ އިންސައްތައިގެ ކުރިއެރުމެއް އަންނާނެ ކަމަށް އައި.އެމް.އެފުން މީގެ ކުރިން ބުނި ނަމަވެސް އެ އިދާރާގެ އެންމެ ފަހުގެ ރިޕޯޓްގައި ބުނެފައިވަނީ 2017 ވަނަ އަހަރު އިނގިރޭސިވިލާތުގެ އިޤްތިޞާދަށް އަންނާނެކަމަށް ލަފާކުރެވެނީ އެކެއް ޕޮއިންޓް ހަތް އިންސައްތައިގެ ކުރިއެރުމެއް ކަމަށެވެ. އަދި އެއީ އަހަރުގެ ފުރަތަމަ ތިން މަސްދުވަހު އިނގިރޭސި އިޤްތިސާދަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުން ކަމަށް ވެސް ބައިނަލްއަޤްވާމީ މާލީ އިދާރާއިން ބުނެއެވެ.

ވިލާތުގެ އެހެން ގައުމުތައް ކަމަށްވާ ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، އިޓަލީވިލާތް އަދި ސްޕެއިންގެ އިޤްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަމަށް އައި.އެމް.އެފުން ވަނީ ބުނެފައެވެ. މީގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް އައި.އެމް.އެފުން ލަފާކޮށްފައިވަނީ އިޓަލީވިލާތާއި ސްޕެއިންގެ އިޤްތިސާދުތަކަށެވެ. އެ ގޮތުން ސްޕެއިންގެ އިޤްތިސާދަށް 3.1 އިންސައްތަ އަދި އިޓަލީވިލާތުގެ އިޤްތިސާދަށް 1.3 އިންސައްތައިގެ ކުރިއެރުމެއް ލިބޭނެކަމަށް، އެ އިދާރާއިން ލަފާކުރެއެވެ.

އައި.އެމް.އެފްގެ އެއިދާރާގެ އެންމެ ފަހުގެ ރިޕޯޓް ބުނާގޮތުން މި އަހަރުގެ ތެރޭގައި ޗައިނާގެ އިޤްތިސާދު 6.7 އިންސައްތަ ކުރިއަރައިގެންދާނެއެވެ. އަދި މި ބަދަލަކީ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޗައިނާގެ އިޤްތިސާދުން ހޯދާފައިވާ ކުރިއެރުމުގެ މައްޗަށް ބިނާކޮށް ގެނައި ބަދަލެއް ކަމަށްވެސް އައި.އެމް.އެފް އިން ބުނެއެވެ.