ޚަބަރު

"މިއަހަރު ނިމުމުގެ ކުރިން 20 ކުނިކޮށްޓެއްގެ މަސައްކަތް ނިމޭނެ"


ޒޯން ހަތެއްގައި ހިންގުމަށް ހަމަޖެހިފައިވާ ސަރަހައްދީ ފެންވަރުގައި ކުނި މެނޭޖުކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ދަށުން، މި އަހަރު ނިމުމުގެ ކުރިން ހުވަދުއަތޮޅުގެ 18 ރަށާއި ، ފުވައްމުލަކު ސިޓީއާއި އައްޑޫސިޓީ ހުޅުމީދޫގެ ކުނިކޮށީގެ މަސައްކަތް ނިންމައި އެކަމަށް ބޭނުނަވާ އިކުއިޕްމެންޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންއަންނަކަމަށް އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޢަލީ އާމިރު ވިދާޅުވެއްޖެއެވެ. 

ޒޯން ހަޔަކާއި ހަތެއްގައި ހިމެނެނީ ގއ.އާއި ގދ.އާއި ފުވައްމުލަކު ސިޓީއާއި އައްޑޫސިޓީއެވެ. 

ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް އެންވަޔަރަމެންޓް މިނިސްޓްރީން ކުރިއަށްގެންދާ ސަރަހައްދީ ފެންވަރުގެ ކުނި މެނޭޖުކުރުމުގެ މަޝްރޫޢު، ޒޯން ހަޔަކާއި ހަތެއްގައި ފެށުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި މަޝްރޫޢޫގެ ދަށުން ހުވަދު އަތޮޅު ވާދޫގައި "ސެންޓްރަލް ވޭސްޓް މެނޭޖްމެންޓް ސެންޓަރު"ގެ އިތުރުން އަޑޫ ސިޓީގައި "ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ސެންޓަރ"އެއް ޤާއިމު ކުރުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ވަކިވަކި ރަށްރަށުގައި އުފައްދާ ކުނި ސެންޓްރަލް ވޭސްޓް މެނޭޖްމެންޓް ސެންޓަރަށް ޖަމާކޮށް، އެ ސެންޓަރުގައި ނައްތާނުލެވޭ ކުނި ނައްތާލުމަށް ހަމަޖެހިފައިވަނީ ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ސެންޓަރުގައެވެ. 

އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޢަލީ އާމިރް ވިދާޅުވީ މިކަމަށް ބޭނުންވާ އުޅަނދުތައް ބަނުމަށް މިހާރު އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްފައިވާކަމަށާއި، ވޭސްޓް މެނޭޖްމެންޓް ސެންޓަރގެ ޑިޒައިންތައް ފައިނަލް ކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާކަމަށެވެ. ވޭތުވެދިޔަ ހަފްތާގައި ގއ.ވިލިނގިލީގައި ބޭއްވި ސާފު ރާއްޖެ މަހާސިންތާގައިވަނީ މި ހަތަރު އަތޮޅުގެ އިސްވެރިންނާއި، ކަމާގުޅުންހުރި ފަރާތްތަކާއެކު ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސިސްޓަމާގުޅޭ ގޮތުން މަޢުލޫމާތުދީ މަޝްވަރާކޮށްފައެވެ. 

އެންވަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޢަލީ އާމިރު ވިދާޅުވީ ކުނި ނައްތާލުމަށް ކުރަންޖެހޭ ޢަމަލީ މަސައްކަތް ހުވަދުއަތޮޅުގެ 6 ރަށެއް ފިޔަވައި، އެއަތޮޅުގެ ހުރިހާ ރަށެއްގައި މިހާރު ފަށާފައިވާކަމަށެވެ. އަދި 2 ރަށެއްގައި ޢަމަލީ މަސައްކަތް ފެށުމަށް ބަޔަކާ ޙަވާލުކުރުމުގެ މަސައްކަތް ކުރަމުންދާއިރު ކުނިކޮށި ޤާއިމުކުރުމަށް ބޭނުންވާ ބިން ދެރަށެއްގައި ނެތުމުގެ ސަބަބުން އެކަން ހައްލު ކުރުމަށްވެސް މަސައްކަތް ކުކުރަމުންދާކަމަށެވެ. 

އަދި ފުވައްމުލަކާއި ހުޅުމީދޫގެ ކުނިކޮށި އަޕްގްރޭޑް ކުރަމުންދާކަމަށާ ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ޕްރޮޖެކްޓަކީ 6 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެކެވެ.