ޚަބަރު

ރައްޔިތުންލައްވާ ރައްޔިތުންނަށް އަނިޔާކުރަން ބަޔަކު ދަނީ ރާވަމުން


ރައްޔިތުންލައްވާ ރައްޔިތުންނަށް އަނިޔާކުރުމަށް ބަޔަކު މީހުން ރާވައިގެން ހިންގާ ކަންކަމުގައި ބައިވެރިވުމަށް ގޮވާލިނަމަވެސް އެފަދަ ގޮވާލުންތަކަށް ދިވެހިރައްޔިތުން އިޖާބަނުދިނުމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ގޮވާލައްވައިފިއެވެ.

ފުލުހުންގެ މެމޯރިއަލްޑޭ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަޒްލީން ވިދާޅުވީ، ޑިމޮކްރަސީގެ ނަމަގުގައި ދިވެހި ރައްޔިތުން ބޭނުންކޮށްގެން އަނިޔާވެރި ރޭވުންތަކެއް ބައެއް ފަރާތްތަކުން ރާވަމުން އަންނަކަމަށާއި، މީގެ ކުރިންވެސް އެފަދަ ރޭވުންތަކުގެ ސަބަބުން އަމަން ބަލަހައްޓަން ތިބޭ ފުލުހުންނާއި ޢާންމު ފަރާތްތަކަށްވެސް އެކިވަރުގެ ގެއްލުންތައް ވެފައި އެބަހުރިކަމަށެވެ.

2012 ވަނަ އަހަރު ސިޔާސީ ހަލަބޮލިކަމުގައި ވަނީ ޤައުމުގެ ހަރުމުދަލުގެ ތެރޭގައި ހިމެނޭ އެތައް ސަތޭކަ މިލިޔަން ރުފިޔާއެއްގެ ތަކެތި އަންދާ ހުލިކޮށްލާފައިވާކަމަށާއި، އެގެއްލުމުން އަދިވެސް އަރައިނުގަނެވޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އެކުށްތައް ބަޔަކު އަޑީގައި ތިބެގެން ކުރުވިއިރު، އެކަމުގެ ދަލުގައި ޖެހުނު އެތައް މީހުންނެއް ޖަލުގައި އަދަބުލިބިގަންނަމުންދާކަމަށާއި، އޭގެ ގެއްލުން ދިވެހި ޢާއިލާތަކަށް ކުރަމުން ދިއުމަކީ މިއަދު ދިވެހި ރައްޔިތުން ވިސްނާލަން ޖެހޭކަމެއް ކަމަށް މިނިސްޓަރ އަޒްލީން ވަނީ ވިދާޅުވެފައެވެ.

ހޯމް މިނިސްޓަރ ވިދާޅުވީ، ޑިމޮކްރަސީގެ އަސާސްތަކާ އެއްގޮތަށް އުފެދިފައިވާ ރިޔާސީ ދައުރެއްގެ މެދުތެރެއިން ރައްޔިތުންނަށް ދޭންޖެހޭ ޙައްޤުތަކެއް ދޭންޖެހިދާނެތީ، އެކަންކަމުން ސަލާމައްވުމުގެ މަޤްޞަދު ޙާޞިލުކުރުމަށްވެސް ބައެއް ފަރާތްތަކުން ހަލަބޮލިކަން އުފެއްދުމަށް މަސައްކަތް ކުރާކަމަށެވެ. ހަމައެއާއެކު ދިވެހި ދައުލަތައް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާތަކެއް ދަންކަންޖެހިދާނެތީ ކަންބޮޑުވެގެން އެފައިސާތައް ނުދެއްކުމަށްޓަކައި ސިޔާސީގޮތުން ޤައުމު ހަލަބޮލިކުރުން ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވަނީ ކުށްވެރިކުރައްވާފައެވެ.