ޚަބަރު

"އިންވެސްޓްމަންޓްތައް ހުއްޓުމަށް ގޮވުމަކީ ނާތަހުޒީބު ޢަމަލެއް"


ރާއްޖޭގައި ކުރިއަށްދާ އިންވެސްޓްމަންޓްތައް ހުއްޓުމަކަށް ގެނައުމަށް ހިތްވަރުދޭ ގޮތަށް ގޮވާލަމުން ދިއުމަކީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު، އިސްކުރައްވާ ވަރަށް ދުވަސްވީ، ނާތަހުޒީބު ސިފައެއްކަމަށް އިކޮނަމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

އިންޑިއާގެ ނޫހެއްކަމަށްވާ ދި އިންޑިއަން އެކްސްޕްރެސްއަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްވި އިންޓަވިއުއެއްގައި، ވަނީ އިދިކޮޅު ވެރިކަމެއް އައިސްފިނަމަ ޗައިނާގެ އެހީތެރިކަމާއެކު ރާއްޖޭގައި ކުރިއަށްދާ އިންވެސްޓްމަންޓްތައް ހުއްޓާލާނެކަމަށް ވިދާޅުވެފައެވެ. އެކަން ކުށްވެރިކުރައްވާ އިކޮނަމިކް މިނިސްޓަރ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންވެސްޓްމަންޓަތައް ހުއްޓުވާ، ފަތުރުވެރިކަން ބޮއިކޮޓް ކުރަން ގޮވުމަކީ، ރައީސް ނަޝީދު އިސްކުރައްވާ، ވަރަށް ދުވަސްވީ ނާތަހުޒީބު ސިފައެއްކަމަށެވެ. މިނިސްޓަރ ވިދާޅުވީ، އެކަން މުޅިދުނިޔެވެސް ދަންނާނެކަމަށެވެ. 

ނަޝީދުގެ މިޢަމަލުތަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރައް ތާޢީދުކުރައްވާ މެންބަރުންވެސް ގެންދަވަނީ ކުށްވެރި ކުރައްވަމުންނެވެ. އެގޮތުން، ޕީ.ޕީ.އެމްގެ ސެކެރެޓަރީ ޖެނަރަލް ނިލަންދޫ ދާއިރާގެ މެންބަރު ޑރ.ޢަބްދުﷲ ޚަލީލް ކުރެއްވި ޓުވީޓެއްގައި، ވަނީ ރާއްޖެއާއި އިންޑިއާއާދެމެދު އޮންނަ ގާތްގުޅުމަށް ހީނަރުކަން ގެންނަން ނަޝީދު މަސައްކަތް ކުރާކަމަށް ތުހުމަތުކުރައްވާފައެވެ.   

ނަޝީދު އިންޑިއާގެ ނޫސްތަކުގައި އެފަދަ ވާހަކަތައް ދައްކަވަނީ ދިވެހި ރައްޔިތުންނާއި އިނޑިއާއާދެމެދު ރުޅިވެރިކަން އުފައްދަންކަމުގައި ވިދާޅުވެ، މިފަދަ އަމަލުތައް ހިންގަވަނީ ނަޝީދު ރާއްޖޭގެ ވެރިކަމަށް ގެންނަން އިންޑިއާއިން ފަންޑުކޮށް  އެކަމަށް ރުހުން ލިބޭނެކަމަށްހީކޮށްތޯ ޚަލީލުވަނީ ސުވާލުއުފައްދަވާފައެވެ. 

ޚަލީލު ވިދާޅުވީ، އިދިކޮޅު އިއްތިޙާދުގެ ވެރިކަމެއްގައި ޗައިނާގެ ޕްރޮޖެކްޓްތައް ހުއްޓުވާނެކަމަށް ވިދާޅުވުމަކީ، ރާއްޖޭގެ ތަރައްޤީއާއި ރާއްޖޭގެ ރާއްޔުތުން އިނދަޖައްސާނަމޭ ބުނުންކަމަށެވެ. ޗައިނާ އެކޭ އެއްފަދައިން، އިންޑިއާ، ޖަޕާން، އަދި ސަޢުދީ ފަދަ ކޮންމެ ޤައުމަކަށްވެސް ރާއްޖޭގައި އިންވެސްޓްކުރުމުގެ ހަމަހަމަ ފުރުސަތު އެބައޮތްކަމަށް ސަރުކާރު ހިންގާ ޕާޓީ، ޕީ.ޕީ.އެމް ގެ ސެކްރަޓަރީ ޖެނަރަލް ވަނީ ވިދާޅުވެފައެވެ.