ޚަބަރު

ރަސްފަންނުގައި ތަރައްޤީކުރާ ޓަވަރުގެ މަސައްކަތް ފަށަނީ


ރަސްފަންނު ސަރަޙައްދުގައި ތަރައްޤީކުރާ ހަތަރު ޓަވަރުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް ހައުސިންގް މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މި ޓަވަރުތަކުގައި، އޮފީސްތަކާއި، ވިޔަފާރިތަކުގެ އިތުރަށް ގެދޮރުވެރިކަން އިތުރުކުރުމަށް 350 ފްލެޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

ޓަވަރުތައް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ތާޖުއްދީން ސްކޫލާއި ހިރިޔާ ސްކޫލު ފުރަގަހުން އޮންނަ ބިމާއި ޒުވާނުންގެ މަރުކަޒުގެ އައުޓްޑޯރ ކުޅިވަރުކުޅޭ ސަރަޙައްދުގައެވެ. ހައުސިންގ މިނިސްޓްރީން ހާމަކުރާގޮތުގައި ޓަވަރުތައް ޢިމާރާތްކުރުމަށް މިހާރު ވަނީ ސިންގަޕޫރުގެ ކުންފުންޏަކާ ޙަވާލުކޮށް ސޮއިކޮށްފައެވެ. މި ޓަވަރުގައި ހަދާ 350 ފްލެޓްގެ ތެރެއިން 120 ފްލެޓަކީ ސަރުކާރުގެ ހައުސިންގ ޔުނިޓްތައްކަމަށް ހައުސިންގ މިނިސްޓްރީއިން ބުނެއެވެ. އަދި މި ޔުނިޓުތައް ސަރުކާރުގެ ހައުސިންގ ސްކީމްތަކާއި އެއްގޮތަށް ކުއްޔަށް ދޭނެކަމަށް އެ މިނިނސްޓްރީން ބުނެއެވެ.

ހިތްފަސޭހަ މައިދާނެއްގެ ގޮތުގައި ރަސްފަންނު ތަރައްޤީކޮށްފައިވާއިރު، މި ޓަވަރުތަކުގެ ސަބަބުން އެ ސަރަޙައްދައް އެއްވެސް ވަރަކަށް ތޮއްޖެހުމުގެ އިޙްސާސް ނުކުރެވޭނެކަމަށް މިނިސްޓަ ވިދާޅުވިއެވެ. އަދި ޓަވަރުގެ ޑިޒައިންތައް ހެދުމުގައި މިކަމަށް ޚާއްޞަ ސަމާލުކަމެއް ދީފައިވާނެކަމަށާއި ޓަވަރުތައް ތަރައްޤީކޮށް ނިމޭއިރު 40 ޕަސެންޓްއަކީ ހިތްފަސޭހަ ހުސް ޖާގަ ނުވަތަ "ގްރީން ސްޕޭސް" ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ޓަވަރުތަކުގައި ތަރައްޤީކުރާ ތަންތަނުގެ ތެރޭގައި 350 ފްލެޓާއި، ކޮމާރޝިއަލް ވިޔަފާރިތަކާއި، ފިހާރަތަކާއި ފެންވަރު ރަނގަޅު 4 ބުރީގެ ޕާކިންގ އޭރިއާއެއްވެސް ހިމެނެއެވެ. އަދި މި އޭރިއާގެ ސަބަބަން ޕާކިންގް މައްސަލައަށާއި ތޮއްޖެހުމަށް ބޮޑު ޙައްލެއް ލިބޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މަސައްކަތް ފަށަން ބޭނުންވި ތާރީޚަށް ނުފެށި ލަސްވީ ޒުވާނުންގެ މަރުކަޒުގެ އައުޓްޑޯރ ސަރަޙައްދު ހުސްކުރުމުގައި ދިމާވި މައްސަލަތަކާ ގުޅިގެންކަމަށެވެ. ނަމަވެސް އެ ބިން ހުސްކޮށް، ކުޅިވަރުތައް ކުޅުމުގެ އިންތިޒާމު މިހާރު އެހެން ސަރަޙައްދުތަކުގައި ހަމަޖައްސާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ޢިމާރާތުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އައިޖީއެމްއެޗްގެ 25 ބުރީގެ ޢިމާރާތުގެ މަސައްކަތްކުރާ ސިންގަޕޫރުގެ ޗަންހުއާ ކުންފުނަޏާއެވެ. 25 ބުރީގެ ހަތަރު ޓަވަރުގެ މަސައްކަތް ނިންމައި ބޭނުންކުރަށް ފެށުމަށް ރާވާފައިވަނީ 2020 ވަނަ އަހަރުއެވެ.