ޚަބަރު

މަޑުއްވަރީއާއި ތުލުސްދޫއަށް ޕީޕީއެމްގެ ވަފްދެއް ވަޑައިގެންފި


ޕީޕީއެމްގެ ކޯލިޝަން މެމްބަރުންގެ ހާއްސަ ވަފުދެއް ރ.މަޑުއްވަރީއާއި ރ.މީދޫއަށް ހިނގައްޖެއެވެ.

މަޑުއްވަރީ ދާއިރާގެ ރަށްތަކަށް ކުރާ މި ދަތުރަކީ އެ ދާއިރާގެ ރައްޔިތުންނަށް ދިމާވެފައިވާ ކަންބޮޑުވުންތައް އޮޅުން ފިލުވާ ރައްޔިތުންގެ ކަންކަން ގާތުން ބެލުމަށްކުރާ ދަތުރެއްކަމަށް ޕީޕީއެމުން ބުނެއެވެ. މިދަތުރުގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ޢުމަރާއި، ޑީ.އާރު.ޕީގެ ލީޑަރ މުޙައްމަދު ނަޝީދާއި ޕީ.ޕީ.އެމް ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާޙް ބައިވެރިވެއެވެ.

މިދަތުރާ ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ޑީ.އާރު.ޕީގެ ލީޑަރު، މުޙައްމަދު ނަޝީދު ވިދާޅުވީ، މަޑުއްވަރީ ދާއިރާގެ ގޮނޑި ހުސްވެފައިވުމުން އެދާއިރާގެ ރައްޔިތުން ތަމްސީލުކުރާނެ މެންބަރެއް މިވަގުތު ނެތްކަމަށެވެ. އެހެންކަމުން ރައީސް ޔާމީންގެ އިސްނެންގެވުމުގެ މަތިން މީދު އާއި މަޑުއްވަރީގެ ރައްޔިތުންގެ ހާލު ބަލާ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ބަލާނެކަމަށެވެ. އަދި އެ ދެ ރަށުގައި ސަރުކާރުން ހިންގާ މަޝްރޫއުތައް ކުރިޔަށްދާ ގޮތްވެސް ބައްލަވާނެކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/15006493716595.jpg|މަޑުއްވަރީގައި ހަރަކާތްތެރިވަމުންދާ ޕީޕީއެމްގެ ވަފްދުގެ ބޭފުޅުން / މިއީ ދާއިރާއަށް ބޭނުންވެފައިވާ ކަންކަން އޮޅުންފިލުވުމަށް ކުރާ ދަތުރެއް

ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވީ މަޑުއްވަރީ ދާއިރާއަކީ ރައީސް ޔާމީން ރ. އަތޮޅުން ވަރަށް އިސްކަމެއް ދެއްވި ދާއިރާއެއްކަމަށެވެ. މުޅި ރާއްޖޭގައި ޕީ.ޕީ.އެމްގެ ހަރަކާތްތަކެއް ފައްޓައިގެން ކުރިއަށްދާކަމަށާއި، މިމަސައްކަތުގައި ވަޒީރުންނާއި، މަޖިލިސް މެމްބަރުން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކުރާނެކަމަށް ފަލާހް ވިދާޅުވިއެވެ.

މި ދަތުރުގައި ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު އަލީއާއި، ހޮޅޮދޫ ދާއިރާގެ މެންބަރު އަލީ މުޙައްމަދާއި ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވައެވެ. މަޑުއްވަރީ ދާއިރާގައި ސަރުކާރު ކޯލިޝަންގެ މެމްބަރުންގެ ވަފްދެއް ހަރަކާތްތެރިވަމުންދާއިރު ތުލުސްދޫއަށްވެސް ސަރުކާރު ކޯލިޝަންގެ ޓީމެއްވެސް ވަނީ ގޮސްފައެވެ.