ޚަބަރު

މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި


ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރެވެހި ރަށްތަކުގައި ފެންބޮޑުވެދާނެތީ އެކަމަށް ސަމާލުވުމަށް މޫސާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ. 

އެއިދާރާއިން ބުނީ މިއަދު ހެނދުނުން ފެށިގެން އައްޑޫ ސިޓީއަށް ވަރަށް ބޯކޮށް ވާރޭ ވެހެމުންދާކަމަށާއި، ފެންބޮޑުވުން އެކަށީގެންވާކަމަށެވެ. އަދި ހުވަދު އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް މޫސުން ގޯސްވުމުގެ ސަބަބުން އެ އިދާރާއިން ވަނީ ޔެލޯ އެލަރޓް ނެރެފައެވެ. ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި، މިރޭ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން ބުނެއެވެ. 

ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 3 މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. ކެރިގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މޫސުމާބެހޭ އިދާރާއިން ބުނެއެވެ.

ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވުމާއެކު އެރަށްތަކުގައި ފެންބޮޑުވުން އެކަށީގެންވާތީ، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުންވެސް ވަނީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.