ޚަބަރު

ދެމެހެއްޓެނިވި ތަރައްޤީއަށް ހޭލުންތެރިކުރުވުމަށް ޕްރޮގްރާމެއް!


ރާއްޖޭގައި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް އެކި ފަރާތްތައް ހޭލުންތެރިކުރުމުގެ ގޮތުން މިއަހަރުގެ ފަހުކޮޅު މަޖިލިސް މެމްބަރުންނާއި، ލޯކަލް ކައުންސިލުތަކާއި، ޖުޑިޝަރީއާއި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތައްތަކަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގުރާމްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަރރަމެންޓް އެންޑް އެނާރޖީ ޢަބްދުﷲ މަޖީދު ވިދާޅުވެއްޖެއެވެ. 

ސްޓޭޓް މިނިސްޓަރ މަޖީދު މިހެން ވިދާޅުވީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ޤައުމުތަކުން ކުރަމުންދާ މަސައްކަތްތައް ރިވިއުކުރުމަށް އެމެރިކާގެ ނިއުޔޯކްގައި ހުންނަ އދ.ގެ މައިމަރުކަޒުގައި ކުރިއަށް ގެންދިޔަ "ހައިލެވެލް ޕޮލިޓިކަލް ފޯރަމް އޮން ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް" ފޯރަމްގައި ތަޤުރީރުކުރައްވަމުންނެވެ. 

"ހައިލެވެލް ޕޮލިޓިކަލް ފޯރަމް އޮން ސަސްޓެއިނަބަލް ޑިވެލޮޕްމެންޓް" ގެ ނަމުގައި ބޭއްވި މި ފޯރަމަކީ ދެމެހެއްޓެނިވި ތަރައްޤީއަށް ޤައުމުތަކުން ހޯދާފައިވާ ކުރިއެރުންތައް ދެނެގަނެ، ކުރިއަށް ކުރަން ހުރި މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް އދ.ގެ މައި މަރުކަޒުގައި 10 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ. 

މި ބައްދަލުވުމުގައި އ.ދގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް ދިވެހިރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކާއި، ކުރުމަށް ރޭވިފައިވާ ކަންތައްތަކާއި، ރާއްޖެކަހަލަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމަކަށް ހުރި ގޮންޖެހުންތަކުގެ މައްޗައް ތަޤުރީރުގައި ސްޓޭޓް މިނިސްޓަރ ވަނީ އަލިއަޅުވާލާފައެވެ. މީގެ އިތުރުން ބައެއް ދާއިރާތަކުން ރާއްޖެ ހޯދާފައިވާ ކުރިއެރުންތަށް ފާހަގަކުރަމުން ސްޓޭޓް މިނިސްޓަރ މަޖީދު ވިދާޅުވީ ރާއްޖެއިން މިހާރު މަސައްކަތްކުރަމުންދަނީ އިތުރު ކާމިޔާބީތަށް ޙާޞިލުކުރުމުގެ އަމާޒުގައިކަމަށެވެ.

ރާއްޖެއަކީ ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ސާސްކަފްގެ ލަނޑުދަނޑިތައް ޙާޞިލުކުރި ޤައުމުކަން ފާހަގަކުރަމުން މިނިސްޓަރ މަޖީދު ވިދާޅުވީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލުކުރުމަށް އެކި ދާއިރާތަކުން ކުރިއަށް އޮތްތަނުގައި ބޮޑަށް މަސައްކަތް ކުރެވޭނެކަމަށެވެ. އެގޮތުން މުޖުތަމަޢުގައި އަންހެނުން ބާރުވެރިކުރުވުމާއި، އިޤުތިޞާދީ ގޮތުންހުރި ގޮންޖެހުންތައް ކުޑަކުރުމާއި، ޞިއްޚީ ދާއިރާގެ ތަޢުލީމު ކުރިއެރުވުންފަދަ ކަންކަން ހިމެނޭކަމަށެވެ. އަދި ރާއްޖެއަކީ ތިމާވެށީގެ ގޮތުން ނާޒުކު ޤައުމަކަށްވުމުން، ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރިއަށް އޮތްތަނުގައި އިތުރަށް މަސައްކަތް ކުރެވޭނެކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވި.

"ހައިލެވެލް ޕޮލިޓިކަލް ފޯރަމް އޮން ސަސްޓެއިނަބަލް ޑިވެލޮޕްމެންޓް"ގެ މިއަހަރުގެ ޝިޢާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ " ބަދަލުވަމުންދާ ދުނިޔެއެއްގައި ފަޤީރުކަން ނަތާލުމާއި، ފާގަތިކަން ކުރިއެރުވުން."

65 ޤައުމަކުން މި ފޯރަމުގައި ބައިވެރިވެފައިވާއިރު، 44 ޤައުމަކުން "ވޮލަންޓަރީ ނޭޝަނަލް ރިވިއު" ހުށަހަޅާފައިވެއެވެ.