ޚަބަރު

ޕެންޝަން ސްކީމްގެ ޤަވާއިދާ ޚިލާފުވާ ފަރާތްތައް ދަނީ އިތުރުވަމުން


ދިވެހިރާއްޖޭގެ ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ ޤަވާޢިދާ އެއްގޮތަށް ޢަމަލުކުރަމުން ނުދާ ފަރާތްތަކުގެ ޢަދަދު އަނެއްކާވެސް އިތުރުވާން ފަށައިފިއެވެ.

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމަކީ ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ތަޢާރަފު ކުރެވިފައިވާ ޑިފައިންޑް ކޮންޓްރިބިއުޝަން ޕެންޝަން ސްކީމެކެވެ. މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ވެބްސައިޓްގައި ޢާއްމުކޮށްފައިވާ ތަފާސް ހިސާބްތަކަށް ބަލާއިރު، ރިޓަޔަމެންޓް ޕެންޝަން ސްކީމްގެ ޤަވާޢިދާ އެއްގޮތަށް ޢަމަލު ނުކޮށްގެން މިހިނގާ ޖުލައިމަހުގެ މިހާތަނަށް ފަސްސަތޭކަ ސައްބީސް ފަރާތެއްގެ ނަން ޕެންޝަން އޮފީހުގެ ވެބްސައިޓްގަ ވަނީ ޢާއްމުކޮށްފައެވެ.

ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ ޤަވައިދާ އެއްގޮތަށް ޢަމަލުކުރަމުން ނުދާ ލިސްޓްގައި ހިމެނެނީ ވަޒީފާ އަދާކުރާ ފަރާތްތައް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާ، ރަޖިސްޓަރ ކޮށްފައި މުވައްޒަފުން ޕެންޝަން ސްކީމްގައި ބައިވެރިނުކުރާ ފަރާތްތަކާއި، ކުންފުނި ރަޖިސްޓަރކޮށް، މުވައްޒަފުންވެސް ބައިވެރިކޮށް މަހުންމަހަށް ފައިސާ ޖަމާނުކުރާ ފަރާތްތަކެވެ. ޕެންޝަން އޮފީހުން ދަނީ ރިޓަޔަމެންޓް ޕެންޝަން ސްކީމްގެ ޤަވާޢިދާ އެއްގޮތަށް ޢަމަލުކުރަމުން ނުދާ ފަރާތްތަކުގެ މައްސަލަތައް ކޯޓަށްވެސް ހުށަހަޅަމުންނެވެ.

މިގޮތުން ކޯޓް މަރުހަލާގެ ތެރެއިން ރިޓަޔަމަންޓް ޕެންޝަން ފަންޑަށް ލިބެންޖެހޭ ގިނަ ޢަދަދެއްގެ ފައިސާ ހޯދައި ފަންޑަށް ޖަމާކުރަމުންދާކަމަށް ޕެންޝަން އޮފީހުން ވިދާޅުވެއެވެ. އަދި ޝަރުޢީ މަރުހަލާ މެދުވެރިކޮށް ހޯދި ފައިސާގެ ޢަދަދު މިލިއަނުން ގުނާލެވޭކަމަށް ޕެންޝަން އޮފީހުން ވިދާޅުވެއެވެ.

ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ސާދަ ވަނަ މާއްދާގެ )ހ(ގައި ވާގޮތުން ޕެންޝަން ސްކީމްގެ ބައިވެރިއަކު ކަމުގައިވާ ކޮންމެ މީހެއްގެ ޕެންޝަނަށް ބަލާ މުސާރައިގެ މަދުވެގެން ހަތެއް އިންސައްތަ އެ މުއައްޒަފަކު، އަދި މުސާރައިގެ މަދުވެގެން ހަތެއް އިންސައްތަ އެ މުއައްޒަފަކަށް ވަޒީފާ ދީފައިވާ ފަރާތުން ސްކީމަށް ދައްކަންޖެހެއެވެ. މިގޮތުން މި ސްކީމަށް ފައިސާ ދައްކަންޖެހެނީ އުމުރުން ސޯޅަ އަހަރާއި ފަސްދޮޅަސް ފަސް އަހަރާއި ދެމެދުގެ ވަޒީފާ އަދާކުރާ މުއައްޒަފުންނެވެ. ފަސްދޮޅަސް ފަސް އަހަރުން މަތީގެ މީހުންގެ މައްޗަށް ސްކީމަށް ފައިސާ ދެއްކުމަށް ހަމަޖެހިފައެއްނުވެއެވެ.