ޚަބަރު

3 ރަށެއްގެ ނަރުދަމާ ނިޒާމްގެ މަސައްކަތް ހަވާލުކޮށްފި


އެކަށީގެންވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ކ.ހިންމަފުއްޓާއި، ކ.ތުލުސްދުއާއި ހދ.ނޮޅިވަރަމްފަރުގެ ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.  

ދައުލަތުގެ ބަޖެޓުންނާއި، އިސްލާމިކް ބޭންކު (އައި.ބީ.ޑީ)ގެ ލޯނުއެހީގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 135 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ދަށުން ނަރުދަމާ ވިއުގައެއް ޤާއިމްކުރުމާއި ސްވޭޖް ޓްރީޓްމަންޓް ޕްލާންޓް ޤާއިމްކުރުމުގެ އިތުރުނު މި ނިޒާމް ހިންގާނެ އެޑްމިނިސްޓްރޭޓިވް ބިލްޑިންގއެއް ޤާއިމްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި މި މަޝްރޫޢުގެ ދަށުން މީހުން ދިރިއުޅޭ ހުރިހާ ގޭބާސީތަކާއި މުއައްސަސާތަކަށް ނަރުދަމާގެ ޚިދުމަތް ދޭނެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރ ތާރިޤް އިބްރާހިމް ވިދާޅުވީ ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތަކީ ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއްކަމަށެވެ.

މި މަސައްކަތް ޙަވާލުކޮށްފައިވަނީ ސިއެރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫޢުގެ މަސައްކަތް ދޮޅު އަހަރުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ.