ޚަބަރު

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް 4 ފަނޑިޔާރުން ހޯއްދަވަނީ


ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް 4 ފަނޑިޔާރުން ހޯއްދެވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން އިޢުލާނުކޮށްފިއެވެ.

ކޯޓްތަކާބެހޭ ޤާނޫނަށް ގެނައި އިޞްލާޙްގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓްގެ ފަނޑިޔާރުންގެ މަޖިލިސް އެކުލެވިގެންވަނީ 11 ފަނޑިޔާރުންގެ މައްޗަށެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ކުރި އިޢުލާނުގައި ބަޔާންކޮށްފައިވާގޮތުގައި، ފަނޑިޔާރުކަމަށް ކުރިމަތިލެވޭނީ ޢުމުރުން 25 އަހަރު ފުރި، ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލްކޮށްފައިވާ ފަރާތްތަކަށެވެ. އަދި ޤާނޫނީ ވަކީލުކަމުގައި ނުވަތަ ފަނޑިޔާރު ކަމުގައި 5 އަހަރުގެ ތަޖުރިބާ ހުރި ފަރާތްތަކަށެވެ.

ހައިކޯޓްގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި، އަލްއުސްތާޛް އައްބާސް ޝަރީފް ރިޓަޔަރ ކުރެއްވުމާ ގުޅިގެން ހައިކޯޓްގައި މިހާރު ތިއްބެވީ 7 ފަނޑިޔާރުންނެވެ.

ކޯޓްތަކާބެހޭ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިޞްލާޙްގެ ދަށުން ހައިކޯޓްގައި 11 ފަނޑިޔާރުން ތިއްބަވާއިރު، މީގެ ތެރެއިން 6 ފަނޑިޔާރުން ތިއްބަވާނީ ހައިކޯޓްގެ އުތުރާއި ދެކުނު ގޮފީގައެވެ. އުތުރު ގޮތްޕާއި، ދެކުނު ގޮފި ޤާއިމުކޮށްފައިވީނަމަވެސް އުތުރު ގޮތްޕަށް ފަނޑިޔާރުން އަދި ޢައްޔަންކޮށްފައެއް ނުވެއެވެ. ހައިކޯޓުގެ ގޮފިތަކަށް ފަނޑިޔާރުން ޢައްޔަނުކުރުވުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން މިދިޔަމަހު އެކުލަވާލެއްވި ސަރކިއުލާގައި ވަނީ، ހައިކޯޓަށް އަލަށް ޢައްޔަންކުރާ ފަނޑިޔާރުން އައްޔަންކުރާއިރު، ހައިކޯޓްގެ ގޮފިތަކުގައި ފަނޑިޔާރުން ހަމަނޫންނަމަ، އަލަށް އައްޔަންކުރާ ފަނޑިޔާރުން އައްޔަނުކުރާނީ ހައިކޯޓްގެ ގޮފިތަކުގެ ތެރެއިން ގޮތްޕަކަށް ކަމަށެވެ. އެހެންކަމުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ އިޢުލާނުގެ ދަށުން ހައިކޯޓަށް ޢައްޔަންކުރާ ފަނޑިޔާރުން މަސައްކަތްކުރައްވާނީ ހައިކޯޓްގެ ގޮފިތަކުގެ ތެރެއިން ގޮތްޕެއްގައެވެ.

ހައިކޯޓްގެ ފަނޑީޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އޮގަސްޓް މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ހައިކޯޓަށް ފަނޑިޔާރުން ޢައްޔަންކުރާނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން އިންޓަރވިއު ކުރުމަށްފަހުއެވެ.