ޚަބަރު

ނިމްސްއަށް ފަޅު ރަށެއް ދީފައެއް ނުވޭ


ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީކުރުމަށް ދޫކޮށްފައިވާ އިންޑިއާގެ ނޫރުލް އިސްލާމް އިންޓަރނޭޝަނަލަށް ދިވެހި ސަރުކާރުން އެއްވެސް ފަޅުރަށެއް ދީފައި ނުވާކަމަށް އެކުންފުނިން ބުނެފިއެވެ. 

ނޫރުލް އިސްލާމް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރ ޢަލީ އުސައިދު ވިދާޅުވީ، އެކުންފުންޏާއި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ރާއްޖެއިން ފަޅުރަށެއް އެކުންފުންޏަށް ދިނުމަށް އެއްބަސްވެފައި ނުވާކަމަށެވެ. އަދި މޯލްޑިވްސް ސްޕޭސް ރިސާރޗް އޯގަނައިޒޭޝަން (އެމްއެސްއާރުއޯ) ގެ ނަމުގައި ސްޕޭސް ރިސާރޗު ފެސިލިޓީއެއްވެސް ނިމްސްއިން ރާއްޖޭގައި ޤާއިމުކުރާނެކަމަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކަތައްވެސް އެކުންފުނިން ވަނީ ދޮގުކޮށްފައެވެ. އުސައިދު ވިދާޅުވީ، އެފަދަ އެއްވެސް މަޝްވަރާއެއްވެސް، އެއްބަސްވުމެއްވެސް އެކުލަވާލާފައި ނުވާކަމަށެވެ. 

ނިމްސްގެ މެޑިސިޓީގެ މެނޭޖިންގް ޑިރެކްޓަރު ފައިޒަލް ޚާނާ ޙަވާލާދީ ދިވެހި ސަރުކާރުން ނިމްސްއަށް ހޮސްޕިޓަލަކާއެކު ދެ ރަށެއް، 50 އަހަރު ދުވަހަށް ދީފައިވާކަމުގެ އެއްވެސް ވާހަކައެއް މީޑިއާގައި ދައްކާފައިނުވާކަމަށެވެ. ފައިސަލް ޚާން ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން ވިދާޅުވީ އިންޑިއާގެ މީޑިއާއަށްވެސް އަދި ޜާއްޖޭގެ މީޑިއާއަށްވެސް އެފަދަ އިންޓަރވިއުއެއް ދީފައި ނުވާކަމަށެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރުމަށް ސަރުކާރުން ނިމްސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ މިދިޔަ ޖޫން މަހުގެ ނަވާރަ ވަނަ ދުވަހުއެވެ. ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރާ ގޮތުގެ ޕްލޭންގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި، މިވަގުތު މާލެ ސަރަޙައްދުން ލިބެން ނެތް ގިނަ ޚިދުމަތްތަކެއްވެސް ހިމެނެއެވެ. ޚާއްޞަކޮށް ބޯންމެރޯ ޓްރާންސް ޕްލާންޓޭޝަން ފެސިލިޓީގެ ހިދުމަތް ފާހަގަކޮށްލެވެއެވެ. 

މި ފެސިލިޓީއާއެކު ބައިނަލްއަޤަވާމީ ފެންވަރުގެ ތެލަސީމިއާ ސެންޓަރެއްވެސް ޤާއިމްކުރުމަށް ހަމަޖެހިފައިވެއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ބަދަލުކުރުމަށް 2 އަހަރުގެ މުއްދަތެއް ހޭދަވާނެކަމަށް ނޫރުލް އިސްލާމް ކުންފުނިން ބުނެއެވެ.