ޚަބަރު

ސަޓާ އެވޯޑްގެ މީޑިއާ ޕާޓްނަރަކަށް މޯލްޑިވްސް ޓީވީ ހަމަޖައްސައިފި


ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް، ސަޓާ އެވޯޑްގެ މިއަހަރުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމްގެ މޯލްޑިވްސް ޓީވީ ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. 

ދިވެހިރާއްޖޭގެ އަޑުގެ ސިނެކޯ މާލަމުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސާޓާ އިވެންޓް އިންތިޒާމްކުރާ، ހައިރައިޒްގެ ފަރާތުން ސޮއިކުރެއްވީ ސޭލްސް އެންޑް މާކެޓިން މުހައްމަދު ޝާމިންއެވެ. އަދި ޕީ.އެސް.އެމްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ، މާކެޓިންގ އެންޑް އީ ކޮމާސް އިބްރާހިމް ނަސްރީންއެވެ.

އޭޝިއާގެ ގައުމުތަކުގެ ރިސޯޓުތަކާއި ހޮޓާތަކަށް އެކި ބައިތަކުން އެވޯޑް ދިނުމަށް ކޮންމެ އަހަރަކު ބާއްވާ މި އެވޯޑް ހަފްލާ މިއަހަރު ބާއްވަން ހަމަޖެހިފައިވަނީ ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީގައެވެ. ރޯޑް ޝޯއެއްގޮތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ހަފްލާ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނި 3 ދުވަހުގެ މުއްދަތަކަށެވެ.

ރާއްޖެއާއި އިންޑިޔާއާއި ސްރީލަންކާ އަދި ނޭޕާލާއި ބޫޓާން ހިމަނައިގެން ކުރިއަށް ގެންދާ މި އެވޯޑް މި އަހަރު ރާއްޖޭގައި ބޭއްވޭއިރު މިއީ އީކުއޭޓާރ ހުރަސްކޮށް ބޭއްވޭ އެންމެ ބޮޑު ޓޫރިޒަމް އެންޑް ހޮސްޕިޓަރލިޓީ އެވޯޑް ހަފްލާ ކަމަށް ސާޓާ އިވެންޓް އިންތިޒާމްކުރާ، ހައިރައިޒްގެ ސޭލްސް އެންޑް މާކެޓިން މުހައްމަދު ޝާމިން ވިދާޅުވިއެވެ. ޝާމިން އިތުރަށް ހާމަކުރިގޮތުގައި ޕީއެސްއެމް އާއިއެކު މިވެވުނު އެއްބަސްވުމުގެ ސަބަބުން ސާޓާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

މި އަހަރު ބޭއްވޭ ސަޓާ އެވޯޑް ޕީއެސްއެމްގެ މޯލްޑިވްސް ޓީވީން ވަގުތުން ދެއްކުމަށް ހަމަޖެހިފައިވާއިރު މުޅީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށް މި އެވޯޑް ހަފްލާ ލައިވް ސްޓްރީމް ކުރެވޭ ގޮތަށްވެސް ވަނީ ހަމަޖަހިފައެވެ. ޕީއެސްއެމްގެ ޑިރެކްޓަރ، މާކެޓިންގ އެންޑް އީ ކޮމާސް އިބްރާހިމް ނަސްރީން ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ޕްރޮމޯޓްކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުން ކަމަށް ބޮޑު ބާރަކަށް ވާނެ ކަމަށެވެ.

ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް، ސަޓާ އެވޯޑް މިދިޔަ އަހަރު ބާއްވާފައިވަނީ ސްރީލަންކާގެ ކޮލަންބޯގައެވެ. މިއަހަރު ރާއްޖޭގައި މި އެވޯޑް ބާއްވާއިރު، މިދިޔަ އަހަރަށްވުރެ ބޮޑު ކުރިއެރުމެއް އެވޯޑަށް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން 415 ނޮމިނޭޝަން މިއަހަރު ލިބިފައިވާކަމަށް ހައިރައިޒުން ބުނެއެވެ.