ޚަބަރު

"އެންމެންގެމައްޗަށް ޤާނޫނީ ފިޔަވަޅު އެޅުމަކީ ކުރިއެރުމެއް"


ކުށުގެ ތުހުމަތުކުރެވޭ ކޮންމެ މީހެއްގެމައްޗަށް، އެއްވެސް ތަފާތުކުރުމެއް ނެތި ޤާނޫނީ ފިޔަވަޅު އެޅުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ލިބިފައިވާ ކުރިއެރުމެއްކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ފޯނު އިންޓަރވިއުއެއްގައި މިނިސްޓަރ ވިދާޅުވީ، ވަކި ނަސަބަކަށް ވަކި ހަސަބަކަށް ނުބަލައި ޤާނޫނީ ބާރު ނެގެހެއްޓުމުގެ ރީތި މިސާލު ރާއްޖޭގެ ސަރުކާރުން ދައްކަމުން އަންނަކަމަށެވެ. އެކިއެކި މީހުންނާމެދު ތުހުމަތުކުރެވޭ މައްސަލަތައް ތަޙުޤީޤުކުރުމުގައި ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ އިޖުރާޢަތްތައް ފުރިހަމަކުރުމަށްފަހު މީހަކު ހައްޔަރުކުރުމުން އެއީ ރާއްޖޭގައި ޑިމޮކްރަސީ ފަހަތަށް ވެއްޓޭކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަކީ ހަޤީގަތުގައި ޑިމޮކްރަސީގެ ރީތި ނަމޫނާ ރާއްޖެއިން ފޮހެލައި ޒިންމާދާރުކަމެއްނެތް ވާހަކަތަކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

ރާއްޖެއިން ބޭރުންނާއި އެތެރެއިން ރައްޖޭގެ ދާޚިލީ ކަންކަމާ ބެހި ނުފޫޒުފޯރުވޭޒާތުގެ ވާހަކަ ދެއްކުމަކީ ރާއްޖޭގެ ޑިމިކްރަސީ ފުނޑުފުނޑުކޮށްލަން ކުރާ ކަމެއްގެ ގޮތުގައި މިނިސްޓަރ ސިފަކުރެއްވިއެވެ. 

ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ޑިމޮކްރެޓިކް ހައްޤުތައް ކަށަވަރުކޮށްދެނީ ޤާނޫނީ ބާރު ނަގަހައްޓައިގެންކަމަށާ ރާއްޖޭގައިވެސް ޢަމަލުކުރަނީ އެގޮތަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

ރާއްޖޭގައި ސިޔާސީގޮތުންވެސް އަދި އެހެން ގޮތްގޮތުންވެސް ދިމާވާ މައްސަލަތައް ހައްލުކުރުމަށްޓަކައި ކަނޑައެޅިފައިވާ މުއައްސަސާތެކުގެ ތެރެއިން ކުރަންޖެހޭ ކަންކަން ކުރިއަށްދާކަމަށާ، ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކުރުމަކީ ޑިމޮކްރަސީ ފަހަތަށްދިއުނަކަމަށް ބުނުމަކީ ހަމަޖެހޭކަމެއްނޫންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

ރާއްޖެއަކީ ޑިމޮކްރަސީގެ ވަރަށް ޅަފަތުގައި އޮތް ޤައުމެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ކަންކަން ހިނގަމުންދަނީ ވަރަށް ފުރިހަމަ ޤާނޫނު އަސާސީއެއްގެދަށުން ކަނޑައެޅިފައިވާ ޤާނޫނީ އިމުގެ ތެރެއިންކަމަށެވެ.