ދުނިޔެ

"ގަތަރުގެ ރައްޔިތުންނަށް ވިސާއާ ނުލާ މިސްރަކަށް ނުވަދެވޭނެ"


ޤަތަރުގެ ރައްޔިތުންނަށް ވިސާއާ ނުލާ މިސްރަށް ދަތުރުކުރެވޭގޮތަށް އޮތް އޮތުން ބަދަލުކުރުމަށް މިސްރުން ނިންމާފައިވާ ކަމަށާއި، މަދު ހާލަތެއްގައި މެނުވީ ވިސާއާ ނުލައި، ޤަތަރުގެ ރައްޔިތުންނަށް މިސްރަށް ދެން ނުވަދެވޭނެކަމަށް އެގައުމުގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ.

މިސްރުން ބުނެފައިވަނީ އެ ގައުމުތަކުގެ ޑިމާންޑްތަކަށް ޤަތަރުން އިޖާބަ ނުދޭހާ ހިނދަކު އެގައުމާ ދެކޮޅަށް ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.

ޤަތަރުގެ ރައްޔިތުން ވިސާއާ ނުލާ މިސްރަށް ވަނުމަށް ހުއްދަދޭ ސިޔާސަތަށް ގެނައި ބަދަލު އިއުލާން ކުރައްވާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިސްރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އަހްމަދު ޢަބޫ ޒައިދު ވިދާޅުވީ، ޙާލަތު މިހާރު އޮތް ގޮތަށް ބަލާފައި ޤަތަރުގެ ރައްޔިތުންނަށް ޙާއްސަ ގޮތްތައް އިންތިޒާމު ކޮށްފައި އޮތުމަކީ އެއްވެސް ގޮތަކަށް ހަމަޖެހޭ ކަމެއް ނޫން ކަމަށާއި، މިސްރަށް ވަނުމަށް ޤަތަރުގެ ރައްޔިތުން ދެން ޖެހޭނީ ވިސާއަށް އެދެން ކަމަށެވެ. އެހެން ނަމަވެސް ޤަތަރުގެ ބައެއް ރައްޔިތުން މިކަމުން ބަރީޢަވެގެންވާ ކަމަށާއި މިސްރުގައި ކިޔަވަމުންދާ ޤަތަރުގެ ދަރިވަރުންނާ، މިސްރުގެ ރައްޔިތަކާ ކައިވެނީގެ ގޮތުން ގުޅިގެން އުޅޭ ޤަތަރުގެ ރައްޔިތުން އަދި މިސްރުގެ ރައްޔިތަކަށް އުފަން ޤަތަރުގެ ރައްޔިތުންނަށް ވިސާއާ ނުލާ މިސްރަށް އަދިވެސް ވަދެވޭނެ ކަމަށް ވިދާޅުވިއެވެ.

މިސްރުގެ މި ސިޔާސަތަށް މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން އަމަލުކުރާނެކަން އެގައުމުގެ ޚާރިޖީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

މިދަނޑިވަޅުގައި މިސްރުގެ ޤާހިރާއަށް ވަޑައިގެން އުޅުއްވާ ކުވައިތުގެ ޚާރިޖީ ވަޒީރު ޝޭޚް ސަބާޙް ޢަލް ޚާލިދް ޢަލް ސަބާޙާ އެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައި މިސްރުގެ ޚާރިޖީ ވަޒީރު ސަމާޙް ޝުކްރީ ވަނީ ޢަރަބި ބާރުތަކުން ޤަތަރަށް ކޮށްފައިވާ ޑިމާންޑްތަކަށް ޤަތަރުން އަމަލު ނުކުރާ ހިނދަކު އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެގޮތުގައި އަޅާނެ ކަމަށެވެ.

މިކަމާ ބެހޭ ގޮތުން ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވީ، މިސްރުގެ ޚާރިޖީ ވަޒީރު މިކަން ހާމަކުރައްވާފައިވަނީ ޢަރަބި ބާރުތަކުގެ އެދޭ ކަންކަން ކުރުމަށް ޤަތަރުން ބަހަނާތައް ދައްކާ ފަހަތަށް ޖެހެމުން ދިއުމުގެ ސަބަބުން ކަމަށާ މީގެ އިތުރުން މިގައުމުތަކުގެ ކަންބޮޑުވުންތަކާ މެދު ޤަތަރުގެ އެއްވެސް ފަރުވާލެއް ނެތް ކަން ހާމަވުމާ ގުޅިގެން ކަމަށެވެ. އަދި މިސްރުގެ ޚާރިޖީ ވަޒީރު ޝުކްރީ ވަނީ މިމައްސަލަ ހައްލު ކުރެވޭނެ ހަމައެކަނި ގޮތަކީ ޢަރަބި ގައުމުތަކުގެ ޑިމާންޑްތަކަށް ޤަތަރުން ޢަމަލުކުރުމުން ކަމަށް ކުވައިތުގެ ޚާރިޖީ ވަޒީރަށް ދަންނަވާފައިވާ ކަމަށް ވެސް ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވިއެވެ.

ކުވައިތުގެ ޚާރިޖީ މިސްރަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ވަނީ މިސްރުގެ ރައީސް ޢަބްދުލް ފައްތާޙު ޢަލް ސީސީއާ ވެސް ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ސީސީ ވަނީ މިމައްސަލަ ހައްލުކޮށް ޢަރަބި އެއްބައިވަންތަކަން އަލުން ޤާއިމުކުރުމަށް ކުވައިތުގެ އަމީރު ޝޭޚް ސަބާޙް އަލް ޢަލް އަހްމަދު ޢަލް ޖަބާރު ޢަލް ސަބާޙް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަގުވަޒަން ކުރައްވާ ކަމަށާ އެހެން ނަމަވެސް އެހެން ގައުމަކަށް މިސްރުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމަށް ހުއްދަދީ ޓެރަރިޒަމްގެ ހަރަކާތްތަކަށް އެހީވުމަށް މިސްރުން ތަން ނުދޭނެ ކަމަށް ވިދާޅުވެފައެވެ.