ޚަބަރު

އިނގިރޭސިވިލާތާއެކު ވިޔަފާރި ފުޅާކުރުމަށް މަޝްވަރާކޮށްފި


ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ވިޔަފާރީއާއި އިޤްތިޞާދީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އޯލް ޕާޓީ ބްރިޓިޝް މޯލްޑިވްސް ޕާލިމެންޓްރީ ގްރޫޕާއެކު މުހިއްމު މަޝްވަރާތަކެއް ކޮށްފައިވާކަމަށް އީޔޫއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރު އަޙްމަދު ޝިއާން ވިދާޅުވެއްޖެއެވެ.

މިދިޔަ ހަފްތާގައި ބޭއްވި އޯލް ޕާޓީ ބްރިޓިޝް މޯލްޑިވްސް ޕާލިމެންޓަރީ ގްރޫޕުގެ ބައްދަލުވުމުގައި އިނގިރޭސިވިލާތާއި، ރާއްޖެއާ ދެމެދު އޮންނަ ގުޅުމާއި ގުޅޭގޮތުންވެސް މަޝްވަރާތައް ކުރިޔަށް ގެންގޮސްފައިވެއެވެ. އަދި ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން މިހާރަށްވުރެ ފުޅާކޮށް ކުރިއަރުވާނެ ގޮތްތަކާއި ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.  

މި މަޝްވަރާތަކާއި ގުޅޭ މައުލޫމާތުދެއްވަމުން އީޔޫއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރު އަޙްމަދު ޝިއާން ވިދާޅުވީ، މިފަހަރުގެ މަޝްވަރާތަކުގައި ބޮޑަށް ބެއްލެވީ، ދެޤައުމުގެ ދެމެދުގައި ވިޔަފާރިއާއި، އިގްތިސާދީ ދާއިރާއިން އިންވެސްޓްމަންޓްތައް ގެނައުމަށް ކުރެވޭނެ ކަންކަމާއި ގުޅޭގޮތުންކަމަށެވެ. އަދި ދިވެހި ކަނޑުމަސް އިނގިރޭސި ވިލާތައް އެކްސްޕޯޓުކުރުމާއި، އިނގިރޭސިވިލާތުން އެއްގަމު މަސް ރާއްޖެ އެތެރެކޮށް ވިއްކާނެ ރަނގަޅު ގޮތްތަކެއް ހަމަޖެއްސުމަށް ވާހަކަ ދެއްކެވިކަމަށްވެސް އަހުމަދު ޝިއާން ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ޕާލިމެންޓްގެ މެންބަރުން ހިމެނޭ ވަފުދެއް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށާއި، އެ ދަތުރު ކުރާނެ އެންމެ ރަނގަޅު ދުވަސްވަރެއް ބަލަމުން އަންނަކަމަށް ދިވެހި ސަފީރު އަހުމަދު ޝިއާން ވިދާޅުވިއެވެ.