ޚަބަރު

ދެވަނަ ފޭސްގައި ހައުސިންގ ޔުނިޓް އިމާރާތްކުރަން ފަށަނީ


ހުޅުމާލެ ފޭސް ދޭއްގައި ތަރައްޤީކުރާ 1530 ހައުސިންގ ޔުނިޓް ޢިމާރާތްކުރުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ ފައިސާގެ 85 އިންސައްތަ ލިބިފައިވާކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވެއްޖެއެވެ.

ސައިމަން ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާ މި ހައުސިންގް ޔުނިޓްތަކުގެ ޢަމަލީ މަސައްކަތް ކުރިޔަށް އޮތް ދެމަސްދުވަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.

ހުޅުމާލެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން މިހާރު އެންމެ ބާރަށް ކުރިއަށްދަނީ ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްޤީކުރުމުގެ މަސައްކަތެވެ. އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ ވޭތުވެ ދިޔަ އަހަރުތަކުގައި ހުޅުމާލެ ތަރައްޤީކުރުމުގެ މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު މި ސަރުކާރުން ހުޅުމާލޭގައި އެއްފަހަރާއި ގިނަ ޕްރޮޖެކްޓްތަކެއް ފަށައިގެން ކުރިއަށްދާކަމަށާއި، މީގެތެރޭގައި، ފާހަގަކޮށްލެވޭ ބޮޑެތި ޕްރޮޖެކްޓްތަކެއް ހިމެނޭކަމަށެވެ. 

ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ކާމިޔާބީ ފާހަގަކުރައްވަމުން، ސައިމަން ވިދާޅުވީ ފިޔަވަހި ދޭއްގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ 1530 ޔުނިޓް ތަރައްޤީކުރުމަށް ބޭނުންވާ ފައިސާގެ އަށްޑިހަ ފަހެއް އިންސައްތަ މިދިޔަ ހަފްތާގެ ތެރޭގައި ހަމަޖެހިފައިވާކަމަށެވެ. އަދި މިފައިސާ ހަމަޖައްސާފައިވަނީ ޗައިނާ ޑިވެލޮޕްމަންޓް ބޭންކުގެ ލޯނުގެ އެހީގައި ކަމަށް އޭނާ ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/9407.jpg|ހުޅުމާލެ ދެވަނަ ފިޔަވަހީގެ މޮޑެލް އެއް- ފޮޓޯ: އެޗްޑީސީ

ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން އިމާރާތްކުރުމަށް ހަމަޖެހިފައިބާ 25 ބުރީގެ 17 ޓަވަރުގެ ތެރެއިން، އޮފީސް މަސައްކަތްތަކަށް ޚާއްޞަކޮށްގެން ޢިމާރާތްކުރާ ޓަވަރުގެ ޢަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެގޮތުން މިހާރު ކުރިޔަށްދަނީ ޢިމާރާތް ޕައިލްކުރުމުގެ މަސައްކަތެވެ. ޢިމާރާތުގެ 884 ޕައިލްގެ ތެރެއިން 230 ޕައިލް ޖެހުމުގެ މަސައްކަތް ނިމިފައިވާކަމަށް އެޗް.ޑީ.ސީގެ މެނޭޖިންގް ޑިރެކްޓަރ ސައިމަން ވިދާޅުވިއެވެ. މި ޕައިލްތަކަކީ 25 މީޓަރު ބިމުއަޑިއަށް ޖަހާ ޕައިލްތަކެކެވެ.

ހުޅުމާލޭގެ ދެވަނަ ފިޔވަހީގެ މަސައްކަތުގެ ތެރެއިން،ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތްވެސް ކުރިޔަށްދާކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ރަނގަޅު މުއާޞަލާތީ ވިއުގައެއް ޤާއިމްކުރުމަށްޓަކައި، ރާއްޖެއާއި، ރާއްޖެއިން ބޭރުގެ ކުންފުނިތަކާއެކު މަޝްވަރާކުރަމުން އަންނަ ކަމަށް އެޗް.ޑީ.ސީގެ މެނޭޖިންގް ޑިރެކްޓަރ ވިދާޅުވިއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާތަނަށް 240 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، އިތުރު 7000 ހައުސިންގ ޔުނިޓްގެ ޢަމަލީ މަސައްކަތް މިހަރުގެ ތެރޭގައި ފެށުމަށް އެޗްޑީސީންދަނީ މަސައްކަތްކުރަމުންމެވެ.