ޚަބަރު

މޮޑެލް ޔޫއެން މަހާސިންތާގެ މީޑިއާ ޕާރޓްނަރަކަށް ޕީއެސްއެމް!


މޮޑެލް ޔުނައިޓެޑް ނޭޝަންސް މަހާސިންތާގެ މީޑިއާ ޕާރޓްނަރަކަށް ޕަބްލިކް ސާރވިސް މީޑިއާ ހަމަޖައްސައިފިއެވެ. 

ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމްގައި އޮތް ރަސްމިއްޔާތުގައި ޕީއެސްއެމްގެ ފަރާތުން މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ މާރކެޓިންގ އެންޑް އީކޮމާރސް އިބްރާހީމް ނަސްރީނެވެ. މޯލްޑިވްސް މޮޑެލް ޔުނައިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ސެކެޓްރީ ޖެނެރަލް އާލިޔާ ޢަލީ ރަޝީދެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕަބްލިކް ސާރވިސް މީޑިއާގެ ޑިރެކްޓަރ މާރކެޓިންގ އެންޑް އީކޮމާރސް އިބްރާހިމް ނަސްރީން ވިދާޅުވީ، ޒުވާނުން ކުރާ މިފަދަ ކޮންމެ ކަމެއްގައި ޕީއެސްއެމުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށެވެ. 

މި މަހާސިންތާގެ މަޤްސަދަކީ ޒުވާން މުޖުތަމަޢަށް ބައިނަލްއަޤްވާމީ ޚަބަރުތައް މުޠާލިއާކޮށް އެކިޤައުމުތަކުގެ ހިންގުންތަކާއި ކަންކަމުގެ އުކުޅުތައް ދަސްކޮށްދިނުމެވެ. މީގެއިތުރުން ލިޔުންތެރިންނާއި، ޑިޒައިނަރުންނާއި، ސިޔާސީ ލީޑަރުންނާއި އިންސާނީ ޙައްޤުތަކާއި މިނޫންވެސް މުޖުތަމަޢުގެ އެކްޓިވިސްޓުން މުސްތަޤްބަލަށް ތައްޔާރުކުރުމަކީވެސް މި  މަހާސިންތާއިން ޙާސިލް ކުރަންބޭނުންވާ ކަންތައްތަކެވެ.

މޯލްޑިވްސް މޮޑެލް ޔުނައިޓެޑްގެ ސެކެރެޓަރީ ޖެނެރަލް އާލިޔާ ޢަލީ ރަޝީދު ވިދާޅުވީ، ޢުމުރުން ސާދައަހަރާއި ފަންސަވީސް އަހަރާ ދެމެދުގެ ކޮންމެ ޒުވާނަކަށް މި ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ. އަދި މި މަހާސިންތާއަށް ތައްޔާރުވުމުގެ ގޮތުން ވޯކްޝޮޕްތަކާއި ބަހުސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށްވެސް އާލިޔާ ވިދާޅުވިއެވެ.

މި މަހާސިންތާ އޮންނާނީ އަންނަ މަހުގެ ފަހުކޮޅު ދަރުބާރުގޭގައެވެ. މިމަހާސިންތާގައި ފަސްސަތޭކަ ފަންސަވީސް ޑެލިގޭޓުންނަށް ފުރުޞަތު ހުޅުވާލާފައިވާކަމަށް މޯލްޑިވްސް މޮޑެލް ޔުނައިޓެޑް ނޭޝަންސްއިން ބުނެއެވެ.