ޚަބަރު

ގާސިމް އެޑްމިޓްކުރުމުން ދައުވާގެ އަޑުއެހުން ކެންސަލްކޮށްފި


ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މައްޗަށް އުފުލާފައިވާ ދައުވާއެއްގެ އަޑުއެހުން މިއަދަށް ތާވަލު ކުރުމަށްފަހު އަޑުއެހުން ކެންސަލް ކޮށްފިއެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ބޭއްވުމަށް ހަމަޖެއްސި އަޑުއެހުން ކެންސަލް ކޮށްފައިވަނީ ޤާސިމްގެ ސިއްޙީ ޙާލަތު ގޯސްވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުންދާތީއެވެ. މިއަދު މެންދުރު 2 ޖަހާއިރު ބޭއްވުމަށް ތާވަލްކުރީ ޤާސިމް އިބްރާހީމްގެ މައްޗަށް އުފުލާފައިވާ 3 ދައުވާގެ ތެރެއިން ރިޝްވަތު ހުށައަޅަން އުޅުމުގެ ދައުވާގެ އަޑުއެހުމެކެވެ.

ގާސިމްގެ މައްޗައް ދައުލަތުން އުފުލާފައިވަނީ ރިޝްވަތު ދިނުމަށް ހުށަހެޅިކަމުގެ ކުށުގެ ދައުވާގެ އިތުރުން، ރަސްމީ ޙައިޞިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުނުކަމުގެ ކުށުގެ ދައުވާއާއި، ވޯޓް ދޭން ހުރި މީހަކަށް ނުރަނގަޅު ނުފޫޒެއް ފޯރުވަން އުޅުނު ކަމުގެ ކުށުގެ ދައުވާއެވެ. ޤާސިމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް މިދިޔަ ހުކުރުދުވަހުގެރޭ ބާއްވަން ތާވަލްކުރުމަށްފަހު ވަނީ ކެންސަލްކޮށްފައެވެ.

ޤާސިމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް އަލުން ފެށުމަށް ތާވަލުކުރީ އެންމެ ފަހުން ބޭއްވި އަޑުއެހުމަށް ޕީ.ޖީ އޮފީހުގެ ވަކީލުން ޙާޟިރުވެފައި ނުވާތީ، ތިން ދައުވާވެސް ކޯޓުން ބޭރުކޮށްލުމުން އެ މައްސަލަތައް އަލުން ޕްރޮސިކިއުޓަރ ޖެނެރަލް ކޯޓަށް ހުށައެޅުމުންނެވެ.