ޚަބަރު

ކުނި ނައްތާލުމަށް 120 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫޢެއް ފަށަނީ


ރައްކާތެރިގޮތުގައި ކުނި ނައްތާލުމުގެ ބޮޑު މަޝްރޫޢެއް ތިލަފުށީގައި ފެއްޓެވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

މިމަޝްރޫޢަކީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކުނި ނައްތާލުމަށް ހިންގަވާ 120 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެކެވެ.

ތިލަފުއްޓަކީ ރާއްޖޭގެ ބޮޑު ސަރަހައްދަކުން އުކާލާ ކުނި ޖަމާކޮށް ނައްތާލާ މަރުކަޒެކެވެ. ތިލަފުށީގައި ކުނި ނައްތާލުމަށް އިންސިނަރޭޓަރ ސިސްޓަމް ޤާއިމު ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ތިލަފުށީގައި ޒަމާނީ އިތުރު ވަސީލަތްތައް ބޭނުންކޮށްގެން ބޮޑު މަޝްރޫޢެއް ހިންގެވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ. 

img:http://s4.psmnews.mv/images/660x400/14859264936681.jpg|އެންވަޔަރަމަންޓް މިނިސްޓަރ ތޯރިޤް އިބްރާހިމް / ފައިލް ފޮޓޯ: ޕީއެސްއެމް

މިމަޝްރޫޢުގެ ދަށުން ރީސައިކަލް ކުރުމުގެ މަސައްކަތާއި ކުނި އުފުލުމުގެ މަސައްކަތާއި މާލޭގައި ހަދާފައިވާ "މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން" ވެސް އިތުރަށް ތަރައްޤީކުރަން ނިންމަވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިހާރު މި މަސައްކަތުގެ ކޮންސަލްޓެންސީ މަސައްކަތްތައް ނިމިފައިވާ ކަމަށާއި ދެން ކުރިއަށް އޮތީ ޑިޒައިންތައް ހެދުމާއި، މާލީގޮތުން ކުރަން ހުރި މަސައްކަތްތައްކަމަށެވެ.

މިމަޝްރޫޢަށް ހިނގާ ޚަރަދު ހޯދުމަށް މިހާރު ބޭންކުތަކާއި މަޝްވަރާ ކުރައްވަމުންގެންދަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން އޭޝިއަން ޑިވެލޮޕްމެންޓް ބޭންކާއި، އޭ.އައި.އައި.ބީ ބޭންކް އަދި ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކާވެސް މަޝްވަރާކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަމުގެ އަމަލީ މަސައްކަތްތައް މިއަހަރުގެ ފަހުކޮޅު ނުވަތަ ދެހާސް އަށާވަނަ އަހަރުގެ ކުރީކޮޅު ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.