ސިއްހަތު

އިމަޖެންސީ ޙާލަތްތަކުގައި ބޭނުންކުރާ ބައެއް ތަކެތި ހަދިޔާކޮށްފި


އިމަޖެންސީ ޙާލަތްތަކުގައި ބޭނުންކުރާ ބޭހާއި އެހެނިހެން ބައެއް ސާމާނު ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޑަބްލިއުއެޗްއޯ އިން ދިވެހި ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހިރާއްޖޭގެ ފަރާތުން މިތަކެއްޗާއި ހަވާލުވެވަޑައިގަތީ ހެލްތް މިނިސްޓަރ އަބްދުއްﷲ ނާޒިމް އިބްރާހީމްއެވެ. ހެލްތް މިނިސްޓްރީއަށް މިތަކެތި ހަވާލުކޮށްދެއްވީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ރެޕްރެޒެންޓޭޓިވް ޑރ.އަރްވިންދް މާތުރްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ އަބްދުއްﷲ ނާޠިމް ވިދާޅުވީ މިތަކެއްޗަކީ ކުއްލި ހާލަތްތަކުގައި ބޭނުންކުރުމަށް ވަކި ގޮތަކަށް ތައްޔާރުކުރެވި ރައްކާކުރެވިފައިވާ ކިޓް ތަކެއްކަމަށެވެ. އަދި މި އެމެޖެންސީ ކިޓްތައް ޖުމްލަ 14 ހޮސްޕިޓަލެއްގައި ބޭނުންކުރާނެކަމަށެވެ.

މި ތަކެއްޗަކީ އަށްލައްކަ އެކާވީސް ހާހަށްވުރެ އަގުހުރި ތަކެއްޗެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއަކީ ރާއްޖޭގެ ޞިއްހީ ކަންކަމުގައި އެކި ގޮތްގޮތުން އެހީތެރިވެދޭ ޖަމިއްޔާއެކެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ މިއަހަރުގެ ސައުތު އީސްޓް ރީޖަންގެ ރީޖަނަލް ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީވެސް ދިވެހިރާއްޖޭގައެވެ. މި ކޮންފަރެންސް ކުރިއަށްދާނީ ސެޕްޓެމްބަރުމަހުގެ ހަޔަކުން ދިހަޔަކަށެވެ. 

ސައުތު އީސްޓް ރީޖަންގެ 11 ގައުމުގެ ހެލްތް މިނިސްޓަރުން މި ކޮންފަރެންސްގައި ބައިވެރިވާނެއެވެ.