ޚަބަރު

އަސްލަމްއާ ދެކޮޅަށް ދަޢުލަތުން ދައުވާކޮށްފި


އެމްޑީޕީ ސަރުކާރުގެ ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމްގެ ފޯނު ބިލަށް ދައުލަތުން ޚަރަދުކުރައްވާފައިވާ ތިންސަތޭކަހާހައްވުރެ ގިނަ ރުފިޔާ ހޯދުމަށް ދައުލަތުން އޭނާއާ ދެކޮޅަށް ދަޢުވާކޮށްފިއެވެ. 

އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ 2010 ވަނަ އަހަރުގެ ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ވާގޮތުން އޭރު އެމިނިސްޓްރީ ހިންގަވަން ހުންނެވި އަސްލަމްގެ ފޯނު ބިލަށް ތިންސަތޭކަ ބާރަހާސް ރުފިޔާ ވަނީ ދައުލަތުން ދައްކާފައެވެ. އެ ފައިސާ ދައުލަތުން ޚަރަދުކޮށްފައިވަނީ ޤަވާއިދާ ޚިލާފަށްކަމަށް ބަޔާންކުރައްވައި އެ ފައިސާ ހޯދުމަށް އޮޑިޓަރ ޖެނެރަލް ލަފާދެއްވާފައިވެއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި ބޭފުޅުން ދައުލަތަށް ޚިޔާނަތްތެރި ވެވަޑައިގެންނެވިކަމަށް ބުނާ ފައިސާ ދެއްކުމަށް މީގެ ކުރިންވެސް ސަރުކާރުން އަންގާފައިވެއެވެ. 2008 ވަނަ އަހަރުން ފެށިގެން އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ ޚިޔާނާތުގެ ފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. އޮޑިޓް ރިޕޓްތަކުން ދައުލަތަށް އެތައް ބިލިއަން ރުފިޔާއެއް ލިބެންޖެހޭކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.