ޚަބަރު

މައްސަލައިގެ ލިޔުންތައް ގާސިމްއާ ހަވާލުކޮށްފި


ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމްގެ މައްޗަށް ދައުލަތުން ކުރާ ދަޢުވާތަކުގެ މައްސަލަ އަލުން ކޯޓަށް ފޮނުވުމުން، އެ މައްސަލައިގެ ލިޔެކިޔުންތައް މިއަދު އެނާއާ ކްރިމިނަލް ކޯޓުން ޙަވާލުކޮށްފިއެވެ.

ދައުލަތުން ޤާސިމްގެ މައްޗަށް ކުރަމުން އައި ދަޢުވާތައް މިދިޔަ އާދިއްތަދުވަހު ކުރިމިނަލް ކޯޓުން ބޭރުކޮށްލައިފައިވަނީ އެރޭ ބާއްވަން ތާވަލްކުރި އަޑުއެހުމަށް ދައުލަތުގެ ވަކީލުން ޙާޟިރުނުވުމުންނެވެ. އެހެންނަމަވެސް ޕިޖީ އޮފީހުން ބުނެފައިވަނީ ކޯޓުން މައްސަލަ ބޭރުކޮށްލައިފައިވަނީ އެ މައްސަލަ ޖެހިގެން އައި ދުވަހަށް ތާވަލްކޮށްދިނުމަށް އެދި ސިޓީއަކުން ކޯޓަށް ހުށައަޅަފައި ވަނިކޮށްކަމަށެވެ.

ދައުލަތުން ޤާސިމް އިބްރާހީމާ ދެކޮޅަށް އުފުލާފައިވާ ތިން ދައުވާޢަކީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ކުށުގެ ދަޢުވާއާއި، ވޯޓު ދޭންހުރި މީހަކަށް ނުރަނގަޅު ގޮތުގައި ނުފޫޒު ފޯރުވަން އުޅުމުގެ ކުށުގެ ދަޢުވާއާއި، ރިޝްވަތުދިނުމަށް ހުށައެޅުމުގެ ކުށުގެ ދަޢުވާއެވެ.

ޕޮރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ، ޤާސިމްގެ މައްޗަށް ދައުލަތުން ދަޢުވާކުރަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމާ ގުޅުވައިގެން ކުނޫޒްގައި ބޭއްވި ޖަލްސާއެއްގައި މަޖިލީހުގެ އެހެން ދާއިރާތައް ތަމްސީލްކުރައްވާ މެންބަރުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް ބޭރުކުރުމަށް ވޯޓު ދެއްވައިފިނަމަ، އެ މެންބަރަކު ހިމެނިވަޑައިގަންނަވާ ދާއިރާއެއްގެ ޓިކެޓް ދޭނެކަމަށާއި، އެހެން ހުރިހާ ގޮތަކުންވެސް އެހީތެރިވެދޭނެކަމަށް ބުނެ ވާހަކަ ދައްކާފައިވާތީކަމަށެވެ.