ޚަބަރު

ރިޔާސީ އިންތިޚާބަށް ޕީޕީއެމުން ޕްރައިމަރީއެއް ބާއްވާނެ- ރައީސް


އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ޕީޕީއެމްގައި ޕްރައިމަރީއެއް ބާއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ޕީޕީއެމާއި ގުޅިވަޑައިގަތުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޕީޕީއެމްގެ ކޮންމެ މެންބަރަކަށްވެސް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު އޮންނާނެކަމަށެވެ. އިދިކޮޅު އެމްޑީޕީން މޫސާ މަނިކު ވަކިކޮށްފައިވަނީ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާނެކަން އިޢުލާންކުރައްވައި، ޕްރައިމަރީގައި ވާދަކުރާނެކަމުގެ ޝައުޤުވެރިކަން ފާޅުކުރުމުންކަމަށް މޫސާ މަނިކު ވަނީ ވިދާޅުވެފައިވެއެވެ. އެކަމަށް އިޝާރާތްކުރައްވައި ރައީސް ޔާމީން ވިދާޅުވީ،  މޫސާ މަނިކުވެސް އަދި އެހެން ބޭފުޅަކުވެސް އެކަމަށް ޝައުޤުވެރިވެވަޑައިގަންނަވާނަމަ ޕީޕީއެމުން ދުވަސް ނުފުރާ އެ ބޭފުޅަކު ޕާޓީން ބޭރުކުރާނެ އުޞޫލެއް އެޕާޓީގައި ނުގެންގުޅޭކަމަށެވެ. ޕީޕީއެމާ ގުޅިވަޑައިގަތުމަށްފަހު މޫސާ މަނިކު ވިދާޅުވެފައިވަނީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވާނެކަމަށެވެ.

ރިޔާސީ ކެނޑިޑޭޓެއް ނެރުއްވާނީ ޕްރައިމަރީ ބާއްވައިގެންކަމަށް ރައީސް ވިދާޅުވެފައިވާއިރު، ޕްރައިމަރީއަކާ ނުލައި ޕާޓީގެ ޓިކެޓް ރައީސް ޔާމީނަށް އެރުވުމަށް ޕާޓިގެ އަސާސީ ޤަވާޢިދު ތަންދޭކަން ފާހަގަކޮށްލަންޖެހެއެވެ.