ވިޔަފާރި

އޭ330ގެ ބޯޓުތައް މިއަހަރު ތެރޭގައި އިތުރުކުރެވޭނެ- މޯލްޑިވިއަން


މޯލްޑިވިއަން ގެ ފްލީޓަށް އޭ330 ގެ ބޯޓުތައް މިއަހަރު ތެރޭގައި އިތުރުކުރެވިގެން ދާނެކަމަށް މޯލްޑިވިއަން ގެ މެނޭޖިން ޑައިރެކްޓަރ ޢަބްދުލް ހާރިސް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ހޯމަ ދުވަހު އީކުއޭޓާ ވިލެޖް ގައި އެ ކުންފުނީގެ އޭޖެންޓުންނަށް ބޭއްވި ކޮންފަރެންސެއްގައެވެ.

އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި މަސައްކަތްކުރާ މޯލްޑިވިއަންގެ އޭޖެންޓުންނަށް ޚާއްޞަކޮށްގެން، މޯލްޑިވިއަން ސޭލްސް ކޮންފަރެންސް 2017 ގެ ނަމުގައި ބޭއްވި މި ކޮންފެރެންސްގައި ސޭލްސް އެޖެންޓުންނަށް މަޢުލޫމާތު ދީފައިވަނީ ކޯޕަރޭޓް ގަވަނަސްއާއި ކަސްޓަމަރ ސަރވިސް އަދި ގްރައުންޑް ހޭންޑްލިންގައި ދިމާވާ ދަތިތައް ޙައްލުކުރުމާ ބެހޭގޮތުންނެވެ. މިކޮންފަރެންސްގައި އައްޑޫސިޓީ އަދި ފުވައްމުލައް ސިޓީއިން 20 އޭޖެންޓުން ބައިވެރިވެ، މަޢުލޫމާތު ހޯދާފައިވެއެވެ.

މި ކޮންފަރެންސްގައި ވާހަކަދައްކަވަމުން މޯލްޑިވިއަންގެ މެނޭޖިން ޑައިރެކްޓަރ އަބްދުލް ހާރިސް ވިދާޅުވީ މިއީ އޭޖެންޓުންގެ މަސައްކަތް އިތުރަށް ރަނގަޅުކޮށް، ދިމާވެދާނެ ކޮންމެ ކަމަކަށް ޙައްލު ހޯދަން ދަސްކޮށްދިނުމުގެ ގޮތުން ބާއްވާ މަޢުލޫމާތުދިނުމުގެ ސެޝަންތަކެއް ކަމަށެވެ. މި ކޮންފަރެންސްގެ ސިލްސިލާ ބައްދަލުވުންތަކެއް ބޭއްވުމަށް ވިސްނުންހުރިކަމަށްވެސް ހާރިސް ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14996814489059.jpg|ސޭލްސް ކޮންފަރެންސްގެ ތެރެއިން / ފޮޓޯ: މޯލްޑިވިއަން

މޯލްޑިވިއަންގެ ފްލީޓަށް އިތުރު ބޯޓުތަކެއް ގެނެސް މަސައްކަތް ފުޅާކުރުމަށް ހަމަޖެހިފައިވާ ކަމަށް ހާރިސް ވިދާޅުވެފައިވަނީ ކޮންފަރެންސް ފެއްޓެވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.

އޭ330 އެއަރކްރާފްޓުގެ ސަބަބުން ރާއްޖެއަށް މިހާރު ޒިޔާރަތް ކުރަމުންއަން ފަތުރުވެރިންގެ ޢަދަދު ދެ ގުނައަށް އިތުރުވެގެންދާނެކަމަށާއި ވަޒީފާގެ އިތުރު ފުރުޞަތުތައް ހުޅުވިގެންދާނެކަމަށް ހާރިސް ވިދާޅުވިއެވެ. މޯލްޑިވިއަން ދަނީ ބިޒްނަސް ޕްލޭނާ އެއްގޮތަށް ކުރިއަރަމުން ކަން ފާހަގަކުރައްވައި، މިހާތަނަށް މޯލްޑިވިއަން އިން ހޯދާފައިވާ ބައިނަލްއަޤްވާމީ ކާމިޔާބީތައްވެސް ހާރިސް ފާހަގަކުރެއްވިއެވެ.

ސޭލްސް އޭޖެންޓުންނަށް ޢަމާޒުކޮށް ހާރިސް ވިދާޅުވީ މި މަޤާމުގައި ތިބޭ މީހުންނަކީ ވަރަށް ގިނަބަޔަކަށް ތަފާތު ގިނަ ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ބައެއްކަމަށާއި، މޯލްޑިވިއަންގެ އޭޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ ފަޚުރެއްކަމަށް ބަލަންޖެހޭކަމަށެވެ.

މޯލްޑިވިއަން އަކީ 100 ޕަސަންޓް ސަރުކާރު ޙިއްސާވާ އެއާލައިނެކެވެ. މޯލްޑިވިއަން އިން މިހާރުދަނީ 3 ވައްތަރެއްގެ އުޅަނދު ބޭނުންކޮށްގެން ދަތުރުކުރަމުންނެވެ. މި އެއާލައިނުގެ ފްލައިޓުތައް ރާއްޖޭގެ 10 އެއާޕޯޓަކަށް ދަތުރުކުރެއެވެ. މީގެ އިތުރުން އިންޑިއާއަށާއި، ތައިލެންޑަށާއި، ބެންކޮކަށް އަދި ޗައިނާއަށްވެސް ދަތުރުކުރެއެވެ.