ޚަބަރު

އިމްޕޯޓް ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި 210 މިލިއަން ރުފިޔާ


މިދިޔަމަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 210 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ކަސްޓަމްސުން ހާމަކޮށްފިއެވެ.

ކަސްޓަމްސުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަމަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 210 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ޖޫންމަހާއި އަޅާބަލާއިރު އެގާރަ އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ ޖޫންމަހު ކަސްޓަމްސުން ދައުލަތައް ލިބިފައިވަނީ ސަތޭކަ އަށްޑިހަ ނުވަ މިލިޔަން ރުފިޔާއެވެ.

ހުސްވި ޖޫންމަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގުވެސް ވަނީ އިތުރުވެފައެވެ. ފާއިތުވި ޖޫންމަހު ދޭއް ޕޮއިންޓް ނުވައެއް ބިލިޔަން ރުފިޔާގެ ތަކެތި ރާއްޖެއަށް އެތެރެކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު ހަތެއް އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ ޖޫންމަހު ރާއްޖެއަށް އެތެރެކޮށްފައިވަނީ ދޭއް ޕޮއިންޓް ހަތެއް މިލިޔަން ރުފިޔާގެ ތަކެއްޗެވެ. މިދިޔަ މަހު ރާއްޖެއަށް އެތެރެ ކުރި މުދަލުގެ އަގަށް ބަލާއިރު އެކުވެރި އަރަބި އިމާރާތުން ނަވާރަ އިންސައްތަ އެތެރެކޮށްފައިވާއިރު، ޗައިނާ އަދި ސިންގަޕޫރުން ފަނަރަ އިންސައްތަ މުދާ އިމްޕޯޓްކޮށްފައިވެއެވެ. އަދި އިންޑިއާއިން އެގާރަ އިންސައްތަ އިމްޕޯޓްކޮށްފައިވާއިރު ސްރީލަންކާއިން ވަނީ ހައެއް އިންސައްތަ އެތެރެކޮށްފައެވެ.

ފާއިތުވި ޖޫންމަހު ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު ވަނީ މިދިޔަ އަހަރުގެ ޖޫންމަހާ އަޅާބަލާއިރު ސަތޭކަ އަށާރަ އިންސައްތަ އިތުރުވެފައެވެ. 2016 ވަނަ އަހަރުގެ ޖޫންމަހު 204 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާއިރު މިދިޔަ ޖޫންމަހު މި ޢަދަދު ވަނީ 446 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. ދިވެހިރާއްޖެއިން މައިގަނޑުގޮތެއްގައި ބޭރުކުރީ މަހުގެ ބާވަތްތަކެވެ. މިދިޔަ މަހު ރާއްޖެއިން ބޭރުކުރި މުދަލުގެ ފަސްދޮޅަސް ހަތެއް އިންސައްތަ ބޭރުކޮށްފައިވަނީ ތައިލެންޑަށެވެ.