ޚަބަރު

ފުޑްކޯޓުތައް މަހެއްގެ ތެރޭގައި ނިންމާލެވޭނެ- މުއިއްޒު


މާލޭގެ ހުޅަނގު ދެކުނު ސަރަހައްދުގައި ހަދާ ފުޑްކޯޓުތަކުގެ މަސައްކަތް އެއް މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޓްވީޓަރ މެދުވެރިކުރައްވާ މިނިސްޓަރ ވިދާޅުވީ މަހެއްހާ ދުވަހުގެ ތެރޭގައި މިމަސައްކަތް ނިމޭނެކަމަށް މިމަސައްކަތް ކުރަމުންދާ އެސްޓިއޯއިން ބުނެފައިވާކަމަށެވެ. މި މަސައްކަތް ހައުސިންގ މިނިސްޓްރީން ހަވާލު ކުރައްވާފައިވަނީ ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން، އެސް.ޓީ.އޯއާއެވެ.

img:http://s4.psmnews.mv/images/660x400/14996799479515.jpg|މާލޭގެ ހުޅަނގު ދެކުނު ސަރަހައްދުގައި ތަރައްޤީކުރާ ފުޑް ކޯޓުތައް / ފޮޓޯ: ހައުސިންގ މިނިސްޓްރީ

އެސްޓިއޯއިން ސަބް-ކޮންޓްރެކްޓަރަކާ ހަވަލުކޮށްގެން ކުރިޔަށް ގެންދާ މި މަސައްކަތުގައި މިހާރު ކުރިޔަށްދަނީ މައި ތަނބުތަށް ޖަހައި ގިއުގަނޑު ރޭވުމުގެ މަސައްކަތެވެ. ފުޑް ކޯޓްތައް ހެދުމަށް އެ ސަރަހައްދުގައި ހުރި ކަޑަތައް ނަގާ އެތަން ސާފުކޮށްފައިވަނީ، ހުސްވި އަހަރުގެ މެއި މަހުގެ ތެރޭގައެވެ. ފުޑް ކޯޓަކީ، ކޮމަން ސީޓިންގ އޭރިއާއަކާއެކު ތަފާތު ކުދި ކެފޭތައް ހިމެނޭ ގޮތަށް ހަދާ ތަނެކެވެ. މި މަޝްރޫޢުގެ ދަށުން މާލޭ ހުޅަނގު-ދެކުނު ބަނދަރު ސަރަހައްދުގެ ފުޑްކޯޓުގައި 25 އާއި 27 ދެމެދުގެ ޢަދަދަކަށް ކެފޭ ހެދުމަށް ވަނީ ހަމަޖެހިފައެވެ.

މިތަންތަން ޢިމާރާތްކުރުމުގެ އިތުރުން އެ ސަރަހައްދު މެނޭޖްކުރުމާއި، މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްވެސް އެސް.ޓީ.އޯއާ ހަވާލުކޮށްފައިވަނީ، ހުސްވި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. މާލޭގެ ހުޅަނގު ދެކުނު ބަނދަރު ސަރަހައްދުގައި ތަރައްޤީކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުގެ ދަށުން އެ ސަރަޙައްދަށް ގެނައި އެންމެބޮޑު ބަދަލަކީ ކުޑަކުދިން ހިތްފަސޭހަކޮށް މަޖާކޮށްލުމަށް ހުޅުއްވި "ރާވެރިބޭގެ މައިޒާން"އެވެ.