ޚަބަރު

ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތައް މަދުވެއްޖެ


މިއަހަރުގެ މޭއި މަހާ އަޅާބަލާއިރު ޖޫން މަހު ޖެންޑަރ މިނިސްޓްރީއަށް ހުށައަޅާފައިވާ ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތައް ނިޞްބަތުން މަދުކަމަށް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަ ޖޫން މަހު ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތައް ވަރަށް ބޮޑަށް މަދުވެފައިވާކަން މިނިސްޓްރީގެ ތަފާސް ހިސާބުތަކުންދައްކައެވެ. އެގޮތުން މޭއި މަހު ކުޑަކުދިންނަށް ކުރާ އަނިޔާ ތަކުގެ 118 މައްސަލަ ހުށައަޅާފައިވާއިރު ޖޫން މަހު ރިޕޯޓުކޮށްފައިވަނީ މިފަދަ 83 މައްސަލައެވެ.

އެހެންނަމަވެސް، ޖޫންމަހު މިނިސްޓްރީއަށް ހުށައަޅާފައިވާ މައްސަލަތަކުގެ ތެރެއިން ފަންސާސް އެކެއް އިންސައްތަ މައްސަލައަކީ ކުޑަކުދިންނަށް ހާނިއްކަ ކުރުމުގެ މައްސަލައެވެ.

މީގެތެރޭގައި، ކުޑަކުދިންނަށް ކުރާ ޖިސްމާނީ ހާނިއްކައިގެ 22 މައްސަލަ އާއި، ޖިންސީ ހާނިއްކައިގެ 18 މައްސަލަ، އަދި ނަފްސާނީ ހާނިއްކައިގެ 9 މައްސަލައެއް ހިމެނެއެވެ. މީގެ އިތުރުން، ކުދިން ދޫކޮށްލާފައި ދިޔުމުގެ 2 މައްސަލަވެސް ރިޕޯޓުކޮށްފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.

ހާނިއްކައިގެ މައްސަލައިގެ އިތުރުން ކުޑަކުދިންނަށް އިހުމާލުވުމުގެ 28 މައްސަލައަކާއި، އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ 9 މައްސަލަ ޖޫންމަހު މިނިސްޓްރީއަށް ހުށައަޅަފައިވެއެވެ. މީގެ ތެރޭގައި މާރާމާރީގެ މައްސަލައަކާއި ވައްކަންކުރުމުގެ މައްސަލައެއްގެ އިތުރުން ތޫނު އެއްޗެއް ގެންގުޅުމުގެ މައްސަލައެއްވެސް ހިމެނެއެވެ.

ކުޑަކުދިންގެ އަޚްލާޤީ މައްސަލަތަކުގެ 7 މައްސަލައެއް ހުށައެޅުނު އިރު ފުރައްސާރަ ކުރުމުގެ 2 މައްސަލައަކާއި ގެއިން ނިކުމެގެން ދިޔުމުގެ 2 މައްސަލައަކާއި އެހެން ކުދިންނަށް ގޯނާކުރުމުގެ 1 މައްސަލަ އަދި ސްކޫލަށް ދާން ބޭނުން ނުވުމުގެ 1 މައްސަލަ ޖޫންމަހު ހުށައެޅުނު ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ. އަދި ކުޑަކުދިން ތަޢުލީމުގެ ޙައްޤުން މަޙްރޫމްކުރުމާ ގުޅޭ 2 މައްސަލަ އަކާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 31 މައްސަލައަކާއި ބިރު ދެއްކުމަށް ކުރާ އެކިކަންކަމުގެ 6 މައްސަލައަކާއި ނަފްސާނީ އަނިޔާގެ 5 މައްސަލައަކާއި އިހުމާލުވުމުގެ 4 މައްސަލަ އަދި ޖިންސީ އަނިޔާގެ 2 މައްސަލައެއްވެސް ޖޫން މަހު ރިޕޯޓްކޮށްފައިވެއެވެ.

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހެޅިފައިވާ 2 މައްސަލަ އަކާއި އަދި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 2 މައްސަލައެއް ހުށައެޅުނު އަމިއްލަ ނަފްސަށް ގެއްލުންދިނުމާ ގުޅޭ ޖުމްލަ 4 މައްސަލައެއް ޖޫންމަހު ރިޕޯޓްކޮށްފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް މޭއި މަހު 239 މައްސަލަ ހުށައަޅާފައިވާއިރު ޖޫން މަހު ރިޕޯޓުކޮށްފައިވަނީ ޖުމްލަ 162 މައްސަލައެވެ.