ވިޔަފާރި

ތެލުގެ އަގުހެޔޮކުރުމުން، ތެޔޮ ގަންނަ މިންވަރު އިތުރުވެއްޖެ


މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގަށް ގެނައި ބަދަލާއިއެކު މަސްވެރިން ކޫއްޑޫން ތެޔޮ ގަންނަ މިންވަރު ތިންގުނައަށް އިތުރުވެފައިވާ ކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ.

އިމްޕޯޓް އެކްސްޕޯޓްގެ ޤާނޫނަށް ގެނައި އިސްލާޙާއިއެކު ތެލުން ނަގާ ޑިއުޓީ ދިހަ ޕަސެންޓުން ފަސް ޕަސެންޓަށް ކުޑަ ކުރުމާއި ގުޅިގެން މަސްވެރިންނަށް ތެޔޮގަންނަށް ލިބޭ އަގަށްވެސްވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ. މަސްވެރިންނަށް ތެޔޮ ވިއްކަމުންދަނީ ކުރިން ވިއްކި އަގަށްވުރެ ސާޅީސް ފަސްލާރި ހެޔޮކޮށެވެ. މިގެނެވުނު ބަދަލާއި ގުޅިގެން މަސްވެރިން ތެޔޮ ގަންނަވަރު އިތުރުވެފައިވާކަން ފާހަގަކުރައްވަމުން އެސްޓީއޯގެ ޖެނެރަލް މެނޭޖަރ ރަމްޒީ އަބޫބަކުރު ވިދާޅުވީ ފެލިވަރު، ކޫއްޑޫ އަދި ކަނޑުއޮތްގިރީގައިވެސް މިހާރު މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށެވެ.

ތެލުގެ އަގަށްގެނައި ބަދަލާއި ގުޅިގެން މިފްކޯ ހިންގުމަށް ކުރާ ޚަރަދުތައް ކުޑަކުރެވިފައިވާކަމަށާއި މިއާއިގުޅިގެން މިފްކޯއިން ރައްޔިތުންނަށް ވިއްކާ މަހުގެ އަގަށްވެސް ހެޔޮ ބަދަލުތައް އަންނަމުންދާކަން ރަމްޒީ ފާހަގަކުރެއްވިއެވެ.

އެސްޓީއޯއިން ވަނީ ތިން ފަހަރެއްގެ މަތިން ތެލުގެ އަގު ހެޔޮކޮށްފައެވެ. މި ބަދަލުތަކާ ގުޅިގެން އެމް.އޭ.ސީ.އެލްއިން ވިއްކާ ޖެޓް ފިއުލްގެ އަގާއި، ފެނަކަ ކޯޕަރޭޝަނުންދޭ ކަރަންޓުގެ ޚިދުމަތުގެ އަގުވެސް ވަނީ ހެޔޮކޮށްފައެވެ.