ޚަބަރު

"ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން"


އެކި ސަރުކާރުތަކުގައި ކޮށްފައިވާ މަސައްކަތްތަކުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ ފައިސާ ފުރަތަމަ ފަހަރަށް ހޯދަން ފެއްޓެވި ސަރުކާރަކީ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރު ކަމަށް ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ. 

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދުގައި ރޭ ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ މުނައްވަރު ވިދާޅުވީ 314 އޮޑިޓް ރިޕޯޓެއް އޮޑިޓަރ ޖެނެރަލް އޮފީހުން ނިންމަވާފައިވާއިރު އޭގެތެރެއިން 138 އޮޑިޓް ރިޕޯޓެއްގެ މައްސަލަ ފިނޭންސް މިނިސްޓްރީން ބައްލަވާފައިވާނެ ކަމަށެވެ. އަދި އެރިޕޯޓުތަކުން ދައުލަތުގެ ފައިސާއަށް ޚިޔާނަތްތެރިވެފައިވާ 2343 މީހެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށްވެސް މިނިސްޓަރ މުނައްވަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މިނިސްޓަރ މުނައްވަރު ވިދާޅުވީ އެ މައްސަލަތައް އެޓާނީ ޖެނެރަލްގެ އޮފީހާއި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް ގުޅިގެން ޝަރީއަތަށް ވަރަށް އަވަހަށް ފޮނުއްވާނެ ކަމަށެވެ. ފިނޭންސް މިނިސްޓަރ ވިދާޅުވީ މިހާރުވެސް ބައެއް މީހުން ދައުލަތަށް ފައިސާ ދައްކަމުން އަންނަ ކަމަށެވެ.

މި ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހަށް މިހާރު ބަލާލުމުން އެނގިގެންދާ އެއްޗަކީ މަޖިލިސް ރައީސް ޢަބްދުﷲ މަސީހުގެ މައްސަލަ ނޫޅޭކަން ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ ޖެހިގެން އުޅޭ މައްސަލައަކީ ދައުލަތަށް ފައިސާ ދައްކަން ޖެހޭ މީހުން ފައިސާ ދައްކަން ޖެހިގެން އުޅޭ މައްސަލަ ކަމަށާއި އެބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ސަލާމަތްވުމަށް ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން އެކަނިވެސް ދައްކާ ގޮތުން ދައުލަތަށް 3.6 ބިލިއަން ރުފިޔާ ލިބެންޖެހެއެވެ.