ޚަބަރު

ތުރުކީގައި ދިވެހިރާއްޖެ


ތުރުކީގެ، ލޭކް ސަލްދާއަކީ ފަތުރުވެރިންގެ މެދެގައި މަޤްބޫލްކަން ހޯދަމުން އަންނަ މަންޒިލެކެވެ. 

މިތަން މަޝްހޫރުވެފައިވަނީ "ޓަރކިޝް މޯލްޑިވްސް" ގެ ނަމުންނެވެ. ސަބަބަކީ މިތަނަށް ލިބިފައިވާ ހުދު ދޮންވެލިގަނޑާއި ވިލު ނޫކުލައިގެ ފެންގަނޑުގެ ސަބަބުން، މިތަނަށް ޒިޔާރަތްކުރާ މީހުންނަށް އެތަން ފެނުމުން ރާއްޖެ ސިފަވާތީއެވެ. 

ރާއްޖެ މިވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ދުނިޔޭގެ އެހެން ޤައުމުތަކަށް މިސާލަކަށްވެފައެވެ. "މޯލްޑިވްސް" އޭ ބުނުމުން ރީތި ހުދު ގޮނޑޮދޮށްތަކާއި ވިލު ނޫކުލައިގެ މޫދުތައް ސިފަވެއެވެ. ރާއްޖޭގެ ނަން ފަތުރުވެރިކަމުގެ ދާއިރާގައި ފިޔަ ޖަހަމުންދާއިރު، ދުނިޔެއަށް "މޯލްޑިވްސް"ވެފައި މިވަނީ ބުރޭންޑަކަށެވެ. މަޝްރޫހު މީހުންގެ މެދުގައި ރާއްޖެއަށް އޮންނަ ބޮޑު މަޤްބޫލްކަމާއި އެކު، ރާއްޖެ ދުނިޔެއަށް މިވަނީ އިތުރަށް އިޝްތިހާރުވެފައެވެ. 

img:http://s3.psmnews.mv/images/660x400/14996876743714.jpg|ތުރުކީގެ، ލޭކް ސަލްދާ. މިތަން މަޝްހޫރުވެފައިވަނީ "ޓަރކިޝް މޯލްޑިވްސް" ގެ ނަމުން

ރާއްޖެއަކީ ގިނަ ބައެއްގެ "ޑްރީމް ޑެސްޓިނޭޝަން" ނުވަތަ ހަޔާތުގައި ދާން އެންމެ ބޭނުންވާ މަންޒިލެވެ. ރާއްޖެ ފަދަ އެހެން ޖަޒީރާ މަންޒިލްތައްވެރެއް ރާއްޖޭގެ މަޤްބޫލްކަން ފަތުރުވެރިންގެ މެދުގައި ބޮޑޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އޭގެ އެއްހެއްކަކީ ރާއްޖެއާއި ވައްތަރު ސިފަތައް ލިބިފައިވާ ތަންތަނަށް ރާއްޖެއަށް ނިސްބަތްކޮށް ނަން ކިޔަމުންދާކަމެވެ. 

img:http://s4.psmnews.mv/images/660x400/14996877301347.jpg|ތުރުކީގެ، ލޭކް ސަލްދާ. މިތަން މަޝްހޫރުވެފައިވަނީ "ޓަރކިޝް މޯލްޑިވްސް" ގެ ނަމުން

ތުރުކީގެ ލޭކް ސަލްދާ، "ޓަރކިޝް މޯލްޑިވްސް" ގެ ނަމުން މަޝްހޫރުވެފައިވާ އިރު، ހޫނު މޫސުމުގައި ލޭކް ސަލްދާއަށް ގިނަ ޢަދަދެއްގެ ފަތުރުވެރިންދެއެވެ. މިތަނަށް އެންމެ ބޮޑު މަޝްހޫރުކަމެއް ލިބެނީ، އެތަނަށްދާ ފަތުރުވެރިން ސޯޝަލް މީޑިއާގައި ޝެއަރކުރާ ފޮޓޯތަކުގެ ސަބަބުންނެވެ. ސޯޝަލް މީޑިއާއަށްވެސް މީހުން އެތަނުގެ ފޮޓޯތައް ލަނީ ޓަރކިޝް މޯލްޑިވްސްގެ ނަމުގައެވެ.