ޚަބަރު

"ނުކުޅެދުންތެރިކަން ހުންނަ 278 ފަރާތެއް ސަރުކާރުގެ ވަޒީފާގައިިި"


ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގެ ސިޔާސަތެއް 2014 ވަނަ އަހަރުން ފެށިގެން ޖެންޑަރ މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުން އިޤްތިޞާދީ ގޮތުން ބާރުވެރި ކުރުވުމަށްޓަކައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި 2014 ވަނަ އަހަރުން ފެށިގެން ގިނަ މަސައްކަތްތައް ކޮށްފައިވާކަން ޖެންޑަރ މިނިސްޓްރީން ފާހަގަކުރެއެވެ.

ޖެންޑަރ މިނިސްޓްރީގެ އެސިސްޓެން ޑިރެކްޓަރ އައިޝަތު ޝިޔާނާ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދީފައިވާ ކުންފުނިތަކުގެ މުވައްޒަފުންނާއި އިސްވެރިންނަށް އަމާޒުކޮށް ޑިސްއެބިލިޓީ ސެންސަޓައިޒްގެ ނަމުގައި ސެޝަންތަކެއް ކުރިއަށްގެންދާކަމަށެވެ. އަދި މިސެޝަންތަކުގައި ސޯޅަ ކުންފުންޏަކުން ފަސްސަތޭކަ ހަތްދިއަށްވެރެ ގިނަ މުވައްޒަފުން ބައިވެރިވާކަމަށްވެސް ޝިޔާނާ ވިދާޅުވިއެވެ.  އޭނާ ވިދާޅުވީ މި ސެޝަންތަކުގެ މަޤްޞަދަކީ ނުކުޅެދުންތެރިންކަން ހުންނަ ފަރާތްތަކަށް އެންމެ އެކަށީގެންވާ ވަޒީފާގެ މާހައުލެއް ޤާއިމުކޮށްދީ، އެމީހުންނަށް އެހީތެރިވުމުގެ ގޮތުން ކުރެވިދާނެ  ކަންތައްތަކާ ބެހޭގޮތުން ކުންފުނިތަކަށް މަޢުލޫމާތުދީ ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ.

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީން މައުލޫމާތުދޭ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ޝައުގުވެރިވާ މީހުންގެ އެޕްލިކޭޝަން ހުށަހެޅުމާއި އަދި ސީވީ ތައްޔާރުކުރުމުގައި ދަތިތަކާއި ކުރިމަތިލާންޖެހޭ ފަރާތްތަކަށް މިނިސްޓްރީން ދަނީ އެހީތެރިވެދެމުންނެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން މިހާރު ވަޒީފާ އަދާކުރަމުންދާ ފަރާތްތަކުގެ ތަޖުރިބާއާއި، ޚިޔާލު ހޯދުމުގެ މަޤްޞަދުގައި އެފަރާތްތަކުގެ ފީޑްބެކް ލިބޭނެ ނިޒާމެއް ޤާއިމްކުރުމަށް މަސައްކަތް ކުރާކަމަށްވެސް އެމިނިސްޓްރީން ހާމަކުރެއެވެ.

ސަރުކާރުގެ އަމާޒަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤާބިލިއްޔަތު ހުރި މިންވަރަކުން، ވަޒީފާގެ މާޙައުލަށް އެމީހުން ބިނާކުރުމަށް އެކި ދާއިރާތަކުން ތަމްރީންގެ ފުރުޞަތުތައް ފަހިކޮށްދެއްވުމެވެ.