ސިޔާސީ

އިލްހާމް ޕީޕީއެމުން ވަކިވެއްޖެ


ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު ޕީޕީއެމުން ވަކިވެއްޖެއެވެ.

މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވި އިލްހާމް ވަނީ ޕީޕީއެމުން ވަކިވުމަށްފަހު، އެޕާޓިގެ ސެކްރެޓަރީ ޖެނެރަލަށް ސިޓީއެއް ފޮނުވާފައެވެ.

ޕީޕީއެމަށާއި، އިލެކްޝަންސް ކޮމިޝަނަށް އިލްހާމް ފޮނުވި ސިޓީގައި ވަނީ، ދިވެހި ރައްޔިތުންގެ އިހުސާސް ދަންނަ އަދި ޤާނޫނު އަސާސީން ލިބިދޭ ޙައްޤުތަކާއި މިނިވަންކަން ޔަގީންކޮށްދޭ ޕާޓީއަކަށް ޕީޕީއެމް ވުމަކީ އޭނާ އަބަދުވެސް ދެކެން ބޭނުންވާ ދުވަހެއް ކަމަށެވެ. އަދި ޕީޕީއެމް އުފެއްދީ އެ އަސާސްތަކުގެ މައްޗަށް ކަމަށާއި "ޕީޕީއެމަށް އަދަށްވުރެ ފެހި މާދަމާ" އަކަށް އެދޭ ކަމަށްވެސް އިލްހާމްގެ ސިޓީގައިވެއެވެ. 

ޕީޕީއެމުން އިލްހާމް ވަކިވެފައިވާއިރު، މިދިޔަ ހަފްތާގައިއޭނާ ވަނީ ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުކަމުންނާއި ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން އިސްތިއުފާ ދީފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދުގެ އިތުބާރު ނެތްކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށައެޅި މައްސަލާގައި ސޮއިކުރައްވާފައިވާ ޕީޕީއެމްގެ ދިހަ މެންބަރުންގެ ތެރޭގައިވެސް އިލްހާމް އަޙްމަދު ހިމެނެއެވެ.