ވިޔަފާރި

އިންޑިއާ ކަނޑުގެ އެންމެ ރަނގަޅު އެއަރޕޯޓްގެ އެވޯޑް ވީއައިއޭއަށް


ފަތުރުވެރިކަމުގެ ސިނާއަތުގެ އޮސްކާ އެވޯޑްގެ ގޮތުގައި ސިފަކުރާ "ވަރލްޑް ޓްރެވަލް އެވޯޑް"ގެ އިންޑިއާ ކަނޑުގެ އެންމެ ރަނގަޅު އެއަރޕޯޓްގެ އެވޯޑް ދިވެހިރާއްޖޭގެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ލިބިއްޖެއެވެ.

މިއީ މި އެވޯރޑް ރާއްޖެއަށް ލިބުނު 10 ވަނަ ފަހަރެވެ.

ސަން އަކުއާ ވިލު ރީފްގައި ބޭއްވި ވަރލްޑް ޓްރެވަލް އެވޯޑް ހަފްލާގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ލިބުނު މި އެވޯޑާ ހަވާލުވެލެއްވީ، އެއަރޕޯޓް ހިންގާ ކުންފުނި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރު އާދިލް މޫސާއެވެ.

އިންޑިއާ ކަނޑުގެ އެންމެ ރަނގަޅު އެއަރޕޯޓްގެ އެވޯޑް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހޯދާފައިމިވަނީ، ސަރުކާރުން އެ އެއަރޕޯޓް ތަރައްޤީކުރުމަށް އެއް ބިލިއަނަށްވުރެ ގިނަ ޑޮލަރުގެ މަޝްރޫޢުއެއް ފަށާފައިވަނިކޮށެވެ.

އެއަރޕޯޓް ތަރައްޤީކުރުމަށް ސަރުކާރުން ފައްޓަވާފައިވާ ބިޔަ މަޝްރޫއުގެ ދަށުން އައު ރަންވޭގެ ސަބް ބޭސް އެޅުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. އަލަށް ހަދާ މި ރަންވޭއަކީ 3400 މީޓަރު ދިގު އަދި 65 މީޓަރު ފުޅާ ރަންވޭއެކެވެ. މިއީ ދުނިޔޭގައި ބޭނުންކުރާ އެންމެ ބޮޑެތި މަތިންދާބޯޓްކަމަށްވާ އޭ ތްރީ އެއިޓީގެ ބޯޓްފަހަރަށްވެސް ފަސޭހަކަމާއެކު ބޭނުން ކުރެވޭނެ ރަންވޭއެކެވެ.

އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމުން، އަހަރަކު 7 މިލިއަނަށްވުރެ ގިނަ ދަތުރުވެރިންނަށް ޚިދުމަތް ދެވޭނޭކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.