ޚަބަރު

އުޅަނދުތައް ފަރަށް އެރުމުގެ ހާދިސާތައް ދަނީ އިތުރުވަމުން


ވޭތުވެދިޔަ ހަފްތާއިން ފެށިގެން ކަނޑު އުޅަނދު ފަހަރު, ފަރަށް އެރުމުގެ ހާދިސާތައް އިތުރުވެފައިވާކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ބުނެފިއެވެ. 

އެހެންކަމުން ކަނޑުދަތުރުފަތުކުރާ އުޅަނދުތަކުގެ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅު އެޅައިގެން ދަތުރުކުރުމަށް ކޯސްޓްގާޑުން އިލްތިމާސްކުރެއެވެ.

ވޭތުވެދިޔަ ހަފްތާއިން ފެށިގެން މިހާތަނަށް ކަނޑުމަތީގެ ފަނަރަ ހާދިސާއެއް ހިނގާފައިވާކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ބުނެއެވެ. އޭގެ ތެރޭގައި ފަރަށް އެރުމާއި، އަލިފާނުގެ ހާދިސާތަކާއި، އިންޖީނު ހޮޅި ފަޅާއިގެން ދިއުމުގެ ހާދިސާތަކައި، އެނޫންވެސް ގިނަ ހާދިސާތަކެއް ހިނގާފައިވެއެވެ. މިހާތަނަށް ހިނގާފައިވާ ހާދިސާތަކަށް ބަލާއިރު އެންމެ ގިނައީ ފަރަށް އެރުމުގެ ހާދިސާތަކެވެ.

ޕްރިންސިޕަލް ޑައިރެކްޓަރ ކޯސްޓްގާޑް، ލެފްޓިނަންޓް ކާނަލް މުޙައްމަދު ސަލީމް ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރަށް ބަލާއިރު ކޯސްޓްގާޑަށް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ފަރަށް އެރުމުގެ ހާދިސާތައްކަމަށެވެ. އޭނާ ވިދާޅުވީ ފަރަށް އެރުމުގެ ހާދިސާތައް ހިނގަނީ ގިރިފަރުތައް ރަނގަޅަށް ނޭނގޭ މީހަކާ އުޅަނދުގެ ހުންގާނު ހަވާލުކުރުމާއި، ޖީޕީއެސް ފަދަ ސަލާމަތީ ވަސީލަތްތައް އެންމެ އެކަށީގެންވާ ގޮތުގައި ބޭނުން ނުކުރެވިގެންކަމަށް ކޯސްޓްގާޑަށް ފާހަގަކުރެވިފައިވާކަމަށެވެ. މިހަފްތާގެ ތެރޭގައި ހިނގާފައިވާ ފަރަށް އެރުމުގެ ހާދިސާތަކުގެ ތެރޭގައި، މާލެއިން ފުރައިގެން ދ.ކަނޑިންމަ ރިސޯޓަށް ދަތުރުކުރި މުދާ އުފުލާ ދޯންޏެއް މާލެ އަތޮޅު ބޮލިފުށި ފަރަށް އެރުމާއި، މާލޭ ދެކުނު ފަރާތުގައި ހަދާފައިވާ ބަނދަރުގެ ނެރުމައްޗަށް މަސްވެރިކަން ކުރާ ދޯންޏެއް އެރުން ފާހަގަކޮށްލެވެއެވެ.

ކަނޑުމަތީގެ އަލިފާނުގެ ހާދިސާތައްވެސް ގިނަވަމުން އަންނަކަން ކޯސްޓްގާޑުން ފާހަގަކުރެއެވެ. އަލިފާނުގެ ހާދިސާތައް ހިނގާފައިވަނީ، އުޅަނދުގެ ވަޔަރިންގެ މައްސަލަތަކުގެ ސަބަބުންނާއި، ބެޓެރި ސެޓް ބަލަންޖެހޭ ގޮތަށް ނުބެލުމުގެ ސަބަބުންކަން ފާހަގަކުރެވިފައިވާކަމަށް ސަލީމް ވިދާޅުވިއެވެ. އެހެންކަމުން ކަނޑު ދަތުރުފަތުރު ކުރުމުގައި ހުރިހާ ފަރާތްތަކުން ވެސް ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރިއެވެ. މި ހަފްތާގެ ތެރޭގައި ވަނީ މާލޭ އުތުރު ފަރާތު ފަޅުތެރޭގައި އޮތް ލޯންޗެއްގައި ވެސް ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ.

ކަނޑު ދަތުރުފަތުރު ކުރުމުގައި ހުރިހާ ފަރާތްތަކުން ވެސް ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކޯސްޓްގާޑުން އިލްތިމާސްކުރެއެވެ. ޚާއްޞަގޮތެއްގައި ދަތުރަށް ފެށުމުގެ ކުރިން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުމަށާއި، އުޅަނދުތަކުގައި ދަތުރު ވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ކޯސްޓްގާޑުން އެދެއެވެ. ކަނޑުމަތީގެ ހާދިސާއެއް ހިނގައިފިނަމަ ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކުރުމަށްވެސް އިލްތިމާސްކުރެއެވެ.