ސިޔާސީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކޯރަމް ހަމަކޮށްގެން ފަށައިފި





 


ރައްޔިތުން މަޖިލީހުގެ މިއަދު ބާއްވަން އުޅުނު ޖަލްސާ ކޯރަމް ހަމަނުވުމުގެ ސަބަބުން ފަސްކުރުމަށްފަހު ޖަލްސާ އަލުން ފަށައިފިއެވެ.


 
މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ ނުވައެއް ޖަހާއިރުއެވެ. ނަމަވެސް މަޖިލީހުގެ ކޯރަމް ހަމަވާ މިންވަރަށް މެމްބަރުން މަޖިލީހުގެ ޖަލްސާއަށް ވަޑައިނުގަތުމުން ޖަލްސާ ފަސްކުރުމަށްފަހު އަލުން ޖަލްސާ ފަށާފައިވަނީ ނުވަގަޑި ތިރީސްހާއިރުއެވެ. މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަޤާމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅު ދިރާސާކުރައްވައި ގޮތެއްނިންމެވުމަށް މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމުގެ މައްސަލައާއި، ސްރީލަންކާ އަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް، ގ.ޒަފްނާ ޒާހިޔާ ޒަރީރުގެ ނަންފުޅު ދިރާސާ ކުރައްވައި ގޮތެއް ނިންމެވުމަށް ދާއިމީ ކޮމިޓީއަށް ފޮނުވުމުގެ މައްސަލައާއި، ބެލްޖިއަމްއަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް، ގ.ފިޔާތޮށިގެ ޙަސަން ޞޯބިރުގެ ނަންފުޅު، ދިރާސާ ކުރައްވައި ގޮތެއް ނިންމެވުމަށް ދާއިމީ ކޮމިޓީއަށް ފޮނުވުމުގެ މައްސަލައެވެ.


 
މީގެ އިތުރުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް، ރައްޔިތުންގެ މަޖިލީހުން ޢައްޔަންކުރާ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރަކު ހޮވުމަށްޓަކައި ނަންފުޅުތައް ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް ދާއިމީ ކޮމިޓީއަށް ފޮނުވުމުގެ މައްސަލައާއި، ޖިންސީ ކުށުގެ ބިލާ މެދު އަލުން ވިސްނުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމުގެ އިތުރުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމެވެ.