ޚަބަރު

ބެންކް އޮފް ސިލޯނުން ހައުސިންގ ލޯނު ސްކީމެއް ތަޢާރަފްކޮށްފި


ބޭންކް އޮފް ސިލޯން ދިވެހިރާއްޖޭގެ ގޮފިން ފުރަތަމަ ފަހަރަށް ހައުސިން ލޯން ސްކީމެއް ތަޢާރަފްކޮށްފިއެވެ.

ބޭންކް އޮފް ސިލޯނުން މި ހައުސިން ލޯން ސްކީމް ތައާރަފްކޮށްފައިވަނީ، ދަރުބާރުގޭގައި މިހާރު ކުރިއަށްދާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައެވެ. ހައުސިން ލޯން ސްކީމް ތައާރަފްކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު ޑރ އަޒީމާ އާދަމްއެވެ. ހައުސިން ލޯން ސްކީމް ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބޭންކް އޮފް ސިލޯންގެ ރާއްޖޭގެ ގޮފީގެ ޑެޕިއުޓީ ކަންޓްރީ މެނޭޖަރު ހަސަން ވަހީދު ވިދާޅުވީ، ބޭންކް އޮފް ސިލޯނުން އަބަދުވެސް މަސައްކަތްކުރަމުންދަނީ ދިވެހިންނާއި ގުޅިގެން ދިވެހިން ބޭނުންވާގޮތަށް ބޭންކުގެ ޚިދުމަތް ދިނުމަށްކަމަށެވެ. ބޭންކް އޮފް ސިލޯނުން ތައާރަފްކުރި ސްކީމްގެ ދަށުން ބިމެއް ގަތުމަށް ނުވަތަ ގެއެއް އިމާރާތްކުރުމަށް ލޯނު ނެގިދާނެއެވެ.

ބޭންކް އޮފް ސިލޯނުން ތައާރަފްކުރި ހައުސިން ލޯން ސްކީމްގެ ދަށުން އެންމެ ގިނަވެގެން ދޫކުރަނީ ވިހި މިލިއަން ރުފިޔާއެވެ. ވިހި މިލިއަން ރުފިޔާގެ ލޯނު ދޫކުރަނީ ގެދޮރު އިމާރާތްކޮށްގެން ވިއްކާނަމައެވެ. ގެއެއް ގަތުމަށް ނުވަތަ ބިމެއް ގަތުމަށް ދޫކުރަނީ ގިނަވެގެން ފަސް މިލިއަން ރުފިޔާއެވެ.

ލޯނުގެ އިންޓަރަސްޓް ރޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އެގާރަ އިންސައްތަ އާއި ބާރަ އިންސައްތައާ ދެމެދުގެ އަދަދެކެވެ. ލޯނު އަނބުރާ ދެއްކުމުގެ މުއްދަތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ގްރޭސް ޕީރިއަޑާއެކު ގިނަވެގެން ފަނަރަ އަހަރެވެ.

ބޭންކް އޮފް ސިލޯނުން ބުނީ، މި ސްކީމްގެ ދަށުން އަމިއްލަ ފަރާތްތަކުގެ އިތުރުން އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކަށްވެސް ލޯނު ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ.