ކުޅިވަރު

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ ފެށުން މާޒިޔާއިން ރަނގަޅުކޮށްފި


ފަސޭހަކަމާއެކު ކުޑަހުވަދޫ ބަލިކޮށް އުރީދޫ ދިވެހިޕްރިމިއަރ ލީގުގެ ފެށުން މާޒިޔާއިން ރަނގަޅުކޮށްފިއެވެ. 

މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ކުޑަހުވަދޫގެ މައްޗަށް މާޒިޔާ ކުރިހޯދީ 4 - 0 އިންނެވެ. މެޗްގެފުރަތަމަ މިނިޓްގައި މާޒިޔާއަށް ލީޑް ނަގައިދިނީ ކެޕްޓަން އަސަދުﷲ ޢަބްދުﷲއެވެ. ފުރަތަމަ ހާފްގައި ކުޑަހުވަދޫގެ ފަރާތުންވަނީ މޮޅު ކުޅުމެއް ފެނިފައެވެ. ޚާއްސަކޮށްކު ޑަހުވަދޫގެ ގޯލްކީޕަރ ޢަބްދުﷲ ޔަޒީދުވަނީ މިމެޗްގައި މޮޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް 2 ވަނަ ހާފްގައި މާޒިޔާއިންވަނީ އިތުރު 3 ލަނޑު ކާމިޔާބުކޮށްފައެވެ. އޭގެތެރެއިން ދެލަނޑަކީ ވިކްޓްރީ ސްޕޯޓްސް ކްލަބުން މާޒިޔާއާ އަލަށް ގުޅުނު ފޯވަޑް ކެރިޗް ކާމިޔާބު ކޮށްދިން ދެލަނޑެވެ. މާޒިޔާގެ 4 ވަނަ ލަނޑަކީ ކުޑަހުވަދޫގެ ޑިފެންޑަރ އިބްރާހީމް ރަޝީދު އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. 2 ޗެމްޕިއަނުން ވާދަކުރި މިމެޗްގެ މޮޅު ކުޅުންތެރިއަކީ މާޒިޔާގެ މެދުތެރެއަށް ކުޅެމުން އަންނަ މުޙައްމަދު އިރުފާނެވެ. 

އުރީދޫ ދިވެހި ޕްރިމިއަރ ލީގު ފެށުމުގެ ގޮތުން ރޭވަނީ ޚާއްސަ ޙަރަކާތްތަކެއްވެސް ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން މެޗްގެ ކުރިން އެމްއެންޑީއެފް ބްރާސްބޭންޑްގެ ޙަރަކާތްތަކަކާއި ސާދަ ތިރީސްއަށެއް ބޮޑުބެރު ގްރޫޕްގެ ޙަރަތާކެއްވަނީ ކުރިޔަށް ގެންގޮސްފައެވެ. ރޭގެ މިމެޗްގެ ޝަރަފްވެރި ކޮށްދެއްވީ ފްރާންސްގެ ކުރީގެ ތަރި މަސެލް ޑެސައިއީއެވެ. ރޭގެ މެޗަށް ވަތް ސަޕޯޓަރުންގެ މެދުގައިބޭއްވި ގުރުއަތުލުމުން ދިމާވި ފަރާތްތަކަށްވަނީ ޑެސައިއީ އާއެކު ފޮޓޯ ނެގުމުގެފުރުޞަތު ދީފައެވެ. އަދި މެޗްގެ ހާފްޓައިމްގައި ޑެސައިއީ ސޮއިކޮށްފައިވާ ބޯޅަތަކެއް ސަޕޯޓަރުންގެ ތެރެއަށްވަނީ ފޮނުވާލާފައެވެ. އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިރޭބައްދަލުކުރާނީ ޓީސީ ސްޕޯޓްސްކްލަބާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. މިމެޗްފަށާނީ މިރޭ ނުވައެއް ޖަހާއިރު. މިމެޗް ޕީއެސްއެމްގެ ޔެސްޓީވީން ވަގުތުން ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ.