ޚަބަރު

"ބައިނަލްއަޤްވަމީ ޤުރުއާން މުބާރާތްތަކުގެ، ފުރުސަތު މިހާރު ގިނަ"


ބައިނަލްއަޤްވަމީ އެކި ފެންވަރުގެ ޤުރުއާން މުބާރާތްތަކުގައި ބައިވެރިވުމަށް މީގެކުރިން ނުލިބޭ ގިނަ ފުރުސަތުތަކެއް މިއަދު ރާއްޖެއަށް ލިބެމުންދާކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒިޔާދު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެސްއެމް ތުއްތުކުދިންގެ ޤުރުޢާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ރޯދަމަހަށް ހާއްސަކޮށްގެން ޕީއެސްއެމުން ބޭއްވި  ތުއްތުކުދިންގެ ޤުރުޢާން މުބާރާތުގެ ނަތީޖާފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒިޔާދު ވިދާޅުވީ އަދުގެ ސަރުކާރުން ދީނީ ކަންކަމަށް ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ދިވެހި ދަރިވަރުންނަށް އެކި ފެންވަރުގެ ޤުރުއާން މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބެމުންދާކަމަށެވެ. މިފަދަ މުބާރާތަކުން ރަންވަނަތައް ދިވެހި ދަރިވަރުންނަށް ހޯދާދިނުމަށް ބެލެނިވެރިން މަސައްކަތްކޮށްދެއްވުމަށްވެސް މިނިސްޓަރ ޒިޔާދު ގޮވާލެއްވިއެވެ. 

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕަބްލިކް ސަރވިސް މީޑިއާގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބުދުލް ލަޠީފް ވިދާޅުވީ ޕީއެސްއެމްގެ ޗެނަލްތަކުން އެންމެ ބޮޑަށް މަސައްކަތްކުރަމުންދަނީ އާއްމުންނާއި ހަމައަށް ދީނީ ޕްރޮގްރާމްތަކާއި މައުލޫމާތުތައް ގެނެސްދެއްވުމަށްކަމަށެވެ. މިގޮތުން ޕީއެސްއެމުން އިންތިޒާމްކޮށްގެން ބައިނަލް އަޤްވާމީ ޤްރުއާން މުބާރާތެއް އަންނަ އަހަރު ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ. އަދި އިސްލާމީ ބައެއް ސީރީޒްތަކަށް ދިވެހި ބަހުން އަޑު އެޅުމަށްފަހު ދެއްކުމަށް ތައްޔާރުވަމުން އަންނަކަންވެސް  އިކްރާމް ފާހަގަކުރެއްވިއެވެ. 

ކޮންމެ އަހަރަކު ރޯދަމަހަށް ޚާއްސަކޮށްގެން ގެނެސްދޭ ޕީއެސްއެމް ތުއްތުކުދިންގެ ޤުރުއާން މުބާރާތުގެ މިއަހަރުގެ މުބާރާތުން ހުރިހާ އުމުރު ފުރާއަކުން އެއްވަނަ ހާސިލްކޮށްފައިވަނީ މއ.ޝަބްނަމްވިލާ އާމިނަތު ޒާރާ އިބްރާހީމެވެ. ދެވަނަ ހާސިލުކޮށްފައިވަނީ ށ.ފުނަދޫ ދިލްބަހާރުގޭ ޝިޔާ ރަޝީދެވެ. އަދި ތިންވަނަ ހާސިލުކޮށްފައިވަނީ މއ.މެރަނާ، މިޝްކާ މުޞްތަފާ ހުސައިނެވެ. 

މި އަހަރުގެ މުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ ތިން އުމުރުފުރައަކަށް ބަހާލައިގެންނެވެ.