ސިއްހަތު

"ކެއަރ ފޮރ ޓައިނީ ހާޓްސް" ކޭމްޕް ހުޅުމާލޭގައި ފަށައިފި


ޓައިނީ ހާޓްސް އޮފް މޯލްޑިވްސްއިން ހިންގާ "ކެއަރ ފޮރ ޓައިނީ ހާޓްސް" ކޭމްޕްގައި ސަތޭކައަށްވުރެ ގިނަ ކުދިންނަށް ޑޮކްޓަރަށް ދެއްކޭނެކަމަށް އެ ޖަމްޢިއްޔާއިން ބުނެފިއެވެ.

ޓައިނީ ހާޓްސް އޮފް މޯލްޑިވްސްއިން ބުނީ މިމަހުގެ ހަޔަކުން އަށަކަށް ކުރިއަށްގެންދާ މި ކޭމްޕްގައި 140 ކުދިންނަށް ޑޮކްޓަރަށް ދެއްކޭނެކަމަށެވެ،

މި ޕްރޮގްރާމްގައި ބަލި މީހުން ބެލުމުގައި ޙަރަކާތްތެރިވަނީ، އިންޑިއާގެ އަމްރިތާ ހޮސްޕިޓަލްގެ 2 ޑޮކްޓަރުންކަމަށްވެސް ޓައިނީ ހާޓްސް އޮފް މޯލްޑިވްސްއިން ބުނެއެވެ. މި ކޭމްޕްގެ މަޤްސަދަކީ ހިތުގެ ބަލި ހުންނަ ކުދިންނަށް ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ބާރުއެޅުމާއި، ބޭސްފަރުވާ ހޯދުމަށް މިފަދަ ކުދިންގެ ޢާއިލާތަކަށް އެހީތެރިވެ ދިނުން ކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ.

"ކެއަރ ފޮރ ޓައިނީ ހާޓްސް 2017" ކުރިއަށްގެންދަނީ އާސަންދައާއި ޔުނިވަރސަލް ފައުޑެޝަންގެ އެހީތެރިކަމާއެކުގައެވެ. މި ކޭމްޕްގައި ޑޮކްޓަރަށް ދެއްކުމުގެ ކަންކަން ކުރިޔަށް ގެންދަނީ ހުޅުމާލޭ ހޮސްޕިޓަލްގައެވެ.

އާސަންދައިން ހުޅުމާލެ ހޮސްޕިޓަލަށް ކަނޑައަޅާފައި ހުންނަ މެނޭޖަރ ޙުސެއިން ފާއިޒް ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކާއި އޮފީސްތަކުން އަދި އަމިއްލަ ޖަމްއިއްޔާއިން ކުރިއަށްގެންދާ މިފަދަ ޙަރަކާތްތަކުގައި އާސަންދައިން އެހީތެރިވެދޭނެކަމަށެވެ.

"ޓައިނީ ހާޓްސް އޮފް މޯލްޑިވްސް" އަކީ އުފެދުމުގައި ހިތުގެ މައްސަލަ ހުންނަ ކުދިންނަށް އެހީތެރިވުމާއެކު، ހިތުގެ ބަލިތަކަށް ޢާއްމުން ހޭލުންތެރިކުރުމުގެ މަޤްޞަދުގައި 2009 ވަނަ އަހަރު އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ. އެ ޖަމްޢިއްޔާއިން، ހިތުގެ ބަލިތައް ހުންނަ ކުދިންނަށް ޢަމާޒުކޮށްގެން ކޮންމެ އަހަރަކުވެސް، "ކެއަރ ފޯ ޓައިނީ ހާޓްސް" ގެ ނަމުގައި ހިތުގެ ބައްޔައް ފަރުވާދޭ ޚާއްޞަ ކޭމްޕެއް ބާއްވަމުންގެންދެއެވެ. މިއީ އެ ޖަމްއިއްޔާއިން ބާއްވާ މިފަދަ ނުވަވަނަ ކޭމްޕެވެ.