ވިޔަފާރި

"ވެކޭޝަން އެކްސްޕޯ 2017 " ފަށައިފި


ދިވެހިން ޗުއްޓީ ހޭދަކުރާ މަންޒިލްތަކާބެހޭ މައުލޫމާތު ޙިއްސާކުރުމަށް ހައި ރައިޒުން ބާއްވާ "ވެކޭޝަން އެކްސްޕޯ "މިއަދު ފަށައިފިއެވެ.ވެކޭޝަން އެކްސްޕޯއަކީ ޗުއްޓީއާ ދިމާކޮށް ރާއްޖެއާއި ރާއްޖޭން ބޭރުގެ މަންޒިލްތަކަށް ދަތުރުކުރަން ބޭނުންވާ ދިވެހިންނަށް އެމަންޒިލްތަކާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ އެކްސްޕޯއެކެވެ.

ނޭޝަނަލް އާރޓް ގެލަރީގައި މިއެކްސްޕޯ މިއަދު އިފްތިތާޙުކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު އަކިލޭޝް މިޝްރާއެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި ޙާއްސަ އިންޓަވިއުއެއްގައި ހައިރައިޒްގެ ސޭލްސް އެންޑް މާރކެޓިންގ މެނޭޖަރ މުޙައްމަދު ޝާމިން ވިދާޅުވީ މި އެކްސްޕޯގެ ތެރެއިން ރާއްޖޭގެ ސަރަހައްދުތަކަށާއި އަވައްޓެރި ޤައުމުތަކަށްވެސް ފަސޭހަކަމާއިއެކު އަގުހެޔޮކޮށް ދަތުރުކުރެވޭނެ ގޮތްތަކުގެ މަޢުލޫމާތު އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދާނެކަމަށެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގިނަ ކުންފުނިތަކުން މިފަހަރުގެ އެކްސްޕޯގައި ބައިވެރިވެފައިވާކަން ޝާމިން ފާހަގަކުރެއްވިއެވެ. މިފަހަރުގެ އެކްސްޕޯގައި ރާއްޖޭން ބޭރުގެ މަޝްހޫރު ބައެއް ހޮސްފިޓަލްތަކުންވެސް ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ލަންކާ ހޮސްޕިޓަލް، ބެންކޮކް ހޮސްޕިޓަލް އަދި ޑާރޑަންސް ހޮސްޕިޓަލް ހިމެނެއެވެ.

ވެކޭޝަން އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކޮންމެ ދުވަހަކުވެސް އަގުހުރި އިނާމުތަކެއް ލިބޭނެ ކަމަށް ހައިރައިޒުން ބުނެއެވެ. އެކްސްޕޯ ނިމިގެންދާއިރު އެއް މިލިއަނަށް ރުފިޔާއަށްވުރެ ގިނަ އިނާމު އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބޭނެކަމަށް ހައިރައިޒުން ބުނެއެވެ.

މިފަހަރުގެ އެކްސްޕޯގައި 36 ފަރާތަކުން ބައިވެރިވެފައިވެއެވެ. ބުރާސްފަތި އަދި ހޮނިހިރު ދުވަހު މެންދުރު ދޭކުން ރޭގަނޑު ހަޔަކަށް އެކްސްޕޯ ހުޅުވިފައި ހުންނައިރު ހުކުރު ދުވަހު އެކްސްޕޯ ހުޅުވިފައި ހުންނާނީ ހަވީރު ހަތަރަކުން ރޭގަނޑު 11:00އަށެވެ. މިއީ ވެކޭޝަން އެކްސްޕޯ ރާއްޖޭގައި ބާއްވާ ދެވަނަ އަހަރެވެ. ހައިރައިޒުން ބުނީ މިދިޔަ އަހަރުގެ އެކްސްޕޯއަށް ލިބުނު ތަރުހީބަށްވުރެ ބޮޑު ތަރުހީބެއް މިފަހަރުގެ އެކްސްޕޯއަށް ލިބޭނެކަމަށް އުންމީދުކުރާކަމަށެވެ.