ޚަބަރު

އަލިގަދަ ތަރިއަށް ނިލަންދޫއިން ހޫނު މަރުޙަބާއެއް


މިއަހަރު ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރިއަކަށް ހޮވުނު، އަލްޤާރީ މުޙައްމަދު އިސްމާއީލަށް، އޭނާގެ އުފަން ރަށް ކަމަށްވާ ފ. ނިލަންދޫ އިން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

މުޙައްމަދު އިސްމާއީލް ނިލަންދޫއަށް ގޮސްފައިވަނީ މިއަދު ހަވީރުއެވެ. އޭނާއަށް އެރަށު ރައްޔިތުންކިޔާފައި ވަނީ ރަތް ދޫލައިގެ މަރުޙަބާއެކެވެ. އޭނާއަށް މަރުޙަބާ ކިއުމަށްޓަކާ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބަނދަރު ސަރަހައްދަށް ޖަމާވިއެވެ. އަދި އޭނާއަށް މަރުޙަބާ ކިއުމުގެ ގޮތުން ޘަޤާފީ ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ބަނދަރު ސަރަޙައްދުން ފެށިގެން މުޙައްމަދު އިސްމާޢީލްގެ ގެއާއިހަމައަށް އޭނާ ގެންގޮސްފައިވަނީ ހަތްކޮޅުގައެވެ.

މުޙައްމަދު އިސްމާއީލްގެ ޝަރަފުގައި ނިލަންދޫގެ ރައްޔިތުން ބާއްވާ ޚާއްޞަ ރަސްމިއްޔާތަކާއި ޖާފަތެއްވެސް މިރޭ ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އަދި އޭނާގެ ޝަރަފްގައި ޚާއްޞަ ޖަލްސާއެއް ބޭއްވުމަށްވެސް ހަމަޖެހިފައިވެއެވެ.

މުޙައްމަދު އިސްމާއީލް، އަލިގަދަ ތަރި ކާމިޔާބުކޮށްފައިވަނީ ފައިނަލްގައި ޤުރުއާން ހިތުން ކިޔެވުމުގެ ބަޔާއި، ކީރިތި ޤްރުޢާން ތަރުތީލުކޮށް ކިޔެވުމުގެ އިތުރުން، ތަޖުވީދުގެ ސުވާލުގެ ބައިން އެންމެ މަތީ މާކްސް ހޯދައިގެންނެވެ.

އެންމެ އަލިގަދަ ތަރީގެ އެއްވަނައަށް ޕީ.އެސް އެމުން ފަސްލައްކަ ރުފިޔާގެ އަގުހުރި އިނާމް ހުށައަޅާފައިވާއިރު، ރައީސުލް ޖުމްހޫރިއްޔާގެ ދެނަކަނަބަލުން ދެއްވާ އިނާމާއި، އިސްލާމީ ޔުނިވަރސިޓީން ބޭނުންދާއިރާއަކުން މާސްޓާސް ހެދުމުގެ ފުރުޞަތާއި، އެއްވަނައަށް މޯލްޑިވްސް ހައްޖުކޯޕަރޭޝަނުން ހުށައަޅާފައިވާ އުމްރާ ދަތުރާއި، މޯލްޑިވިއަންގެ ފަރާތުން ޗެންނާއި ދެކޮޅު ޓިކެޓާއި، އަމިއްލަ ފަރާތްތަކުން ހުށައަޅާފައިވާ އެކި އެކި އިނާމްތައް ހިމެނެއެވެ.

ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހާ ދިމާކޮށްޕީއެސްއެއެމް އިން ބާއްވާ "ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި" ޕްރޮގްރާމަކީ، ޤުރުއާން ކިޔެވުމުގެ ހުނަރާއި، ޤުރުއާނާމެދު މުޖުތަމަޢުގައި އޮންނަ ޤަދަރު މަތިކޮށް، ޤުރުއާނާމެދު އާންމުންގެ ހިތްތަކުގައި ލޯބިޖެއްސުމުގެ ގޮތުން ގެނެސްދޭ ޕްރޮގްރާމެކެވެ.