ޚަބަރު

އެމްއެމްޕީއާރުސީ މައްސަލާގައި ހިމެނޭ 9 ރަށެއްގެ ތަހްޤީޤް ނިމިއްޖެ


މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ހިމެނޭ ރަށްތަކުގެ ތެރެއިން ނުވަ ރަށެއްގެ ޑިއުޓީ ޕްރޮސެކިއުޝަން ނިމިފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ. 

ޑިއުޓީ ޕްރޮސެކިއުޝަނަކީ މައްސަލައިގެ ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވުމުގެ ކުރިން ތަހުޤީގީ އިދާރާއާއި ޕީޖީ އޮފީހާ ދެމެދު ކުރެވޭ މައުލޫމާތު ބަދަލުކުރުމުގެ މަރުހަލާއެވެ.

ޕީޖީ އޮފީހުގެ އިންފޮމޭޝަން އޮފިސަރ އަޙްމަދު ތަޢުފީޤް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހްޤީގުކޮށް އެކުލަވާލާފައިވާ ރިޕޯޓްގައި ގާތްގަނޑަކަށް ފަންސާހަކަށް ރަށް ހިމެނޭކަމަށާއި އޭގެތެރެއިން ޑިއުޓީ ޕްރޮސެކިއުޝަން ނިންމާ ތަހްޤީގްކުރެވޭ މިންވަރަށް ނުވަ ރަށެއްގެ މައްސަލަ ނިމިފައިވާކަމަށެވެ. އެކަން އޭސީސީއަށް މިހާރު އަންގާފައިވާކަމަށާއި، ނަމަވެސް މިހާތަނަށް އެ މައްސަލަ ތަހްޤީޤް ނިންމުމަށްފަހު ދައުވާކުރަން އޭސީސީން ޕީޖީ އޮފީހަށް ފޮނުވާފައި ނުވާކަމަށް ތަޤުފީޤް ވިދާޅުވިއެވެ. 

ނުވަ ރަށުގެ ތަޙްޤީޤް ކުރިއަށް ގެންދެވޭނެކަން އޭސީސީއަށް އަންގާފައިވާތާ މިހާރު ދެތިން ހަފްތާ ވެދާނެކަމަށް އޭނާ ވިދާޅުވިއެވެ. އޭސީސީން ކުރިން ބުނެފައިވަނީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގެ ރިޕޯޓް، ޑިއުޓީ ޕްރޮސެކިއުޝަން ނިމި، ދައުވާކުރަން ފޮނުވުމަށްފަހު ރިޕޯޓް ޢާންމުކުރާނެކަމަށެވެ.

ޕީޖީ އޮފީހުން ބުނީ ޚިޔާނާތުގެ މައްސަލާގައި ހިމެނޭ އިތުރު ބައިތަކުގެ ޑިއުޓީ ޕްރޮސެކިއުޝަން މިހާރުވެސް ކުރިއަށްދާކަމަށެވެ. އޭސީސީން ބުނެފައިވަނީ އޮޑިޓް އޮފީހުން ޢާއްމުކޮށްފައިވާ ފައިސާގެ ޢަދަދާއި އެ ކޮމިޝަނުން ހޯދި މަޢުލޫމާތުން ލިބުނު އަދަދުގައި މާ ބޮޑު ތަފާތެއް ނެތްކަމަށެވެ. އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ޖެހޭ 1.2 ބިލިއަން ރުފިޔާވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.